ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 11 އަހަރަށް ޖަލަށްލާން ހުކުމް އިއްވުމާ އެކު ޕީޕީއެމްގެ ސަޕޯޓަރުން މާލޭގެ މަގުތަކަށް ނުކުމެ އިހްތިޖާޖު ކުރަން ފަށައިފި އެވެ.

މާލޭގެ އެކި މަގުތަކަށް އެއްވެ ޕީޕީއެމްގެ ސަޕޯޓަރުން އަޑުއުފުލަމުން ދަނީ ޔާމީން މިނިވަން ކުރުމަށެވެ. އަދި އެމަނިކުފާނަށް އިއްވާފައި ވަނީ ސިޔާސީ ހުކުމެއް ކަމަށް ވެސް ސަޕޯޓަރުން ދެކެ އެވެ.

ޕީޕީއެމް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޔާމީން މިނިވަން ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. އަދި އެމަނިކުފާނަށް ހުކުމް ކޮށްފައި ވަނީ ދެ ފާސިގެއްގެ ހެކިބަހަށް ރިއާޔަތްކޮށްގެން ކަމަށާއި އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިހާރު ކުރިއަށްދާ އިހްތިޖާޖުގައި އަބްދުއްރަހީމްގެ އިތުރުން ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު ޣައްސާން މައުމޫނާއި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދާއި އިބްރާހީމް ޝުޖާއު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ޔާމީންގެ ގާނޫނީ ޓީމުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ކްރިމިނަލް ކޯޓުގެ ހުކުމްގައި ގޯސްތަކެއް އެބަހުރި ކަމަށެވެ. އަދި އިސްތިއުނާފީ މަރުހަލާއިން ކާމިޔާބުވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޔާމީންގެ މައްޗަށް ސާބިތުވީ މަނީލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. އެއީ ވ. އާރަށުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި ދައުވާއެކެވެ.