ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓް އެމަނިކުފާނުގެ ގާނޫނީ ވަކީލުންނާ މިއަދު ކްރިމިނަލް ކޯޓުން ހަވާލުކޮށްފި އެވެ.

ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލެއްގައިވާގޮތުން ހުކުމް އިއްވާ ދުވަހު ޝަރީއަތް ނުމުނުގޮތުގެ ރިޕޯޓް ދައުވާ ލިބޭ މީހާއަށް ދޭންޖެހެ އެވެ.

ކްރިމިނަލް ކޯޓުން މިއަދު އެ ރިޕޯޓް އެމަނިކުފާނުގެ ވަކީލުންނަށް ދިނީ އެ ރިޕޯޓް ނުލިބިގެން ޕީޕީއެމް، ޕީއެންސީން ކަންބޮޑުވުންފާޅުކޮށްފައި ވަނިކޮށެވެ.

ޔާމީންގެ މައްޗަށް ދައުލަތުން އުފުލީ މަނީލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. އެއީ ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރި ދެ ދައުވާ އެވެ.

މަނީލޯންޑަރިންގެ ދައުވާ ސާބިތުވެ އެމަނިކުފާނަށް އިއްވީ ހަތް އަހަރުގެ ޖަލު ހުކުމެކެވެ. އަދި އެ ކުށުގެ އަދަބެއްގެ ގޮތުން ފަސް މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާ ވެސް ކުރި އެވެ.

ޖޫރިމަނާގެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ހަލާސްކުރުމަށް ވެސް އެ ހުކުމްގައި ޔާމީނަށް އަންގާފައިވެ އެވެ.

އިދިކޮޅު ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރަނީ ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު ޔޫސުފް ނައީމަށް އާރަށް ކުއްޔަށް ދިނުމުގެ މުގާބިލުގައި ރިޝްވަތު ހިފުމުގެ ދައުވާއާއި އެ ފައިސާ ލޯންޑާ ކުރުމުގެ ދައުވާ އެވެ. ޔޫސުފް ނައީމްގެ މައްޗަށް ކުރަނީ ރިޝްވަތު ދިނުމުގެ ދައުވާ އެވެ.

ދައުލަތުން ހުށަހަޅާފައިވާ ހެކިންނާއި ދިފާއީ ހެކިންގެ ހެކިބަހުން ރިޝްވަތު ދިނުމާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ރުކުންތައް ދައުލަތަށް ސާބިތުކޮށްދީފައިވާ ކަމަށް ގާޒީ ކަނޑައެޅުއްވި އެވެ.

އެ މައްސަލާގައި ދައުލަތުން އެދުނީ 19 އަހަރުގެ ޖަލު ހުކުމަކަށެވެ. އެއީ ރިޝްވަތުގެ ކުށުގައި 8 އަހަރުގެ ޖަލު ހުކުމެއް އަދި މަނީ ލޯންޑްރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމާ އެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް އިއްވުމަށެވެ. ނަމަވެސް އެ މައްސަލަ ބެއްލެވި އިސްގާޒީ އަހުމަދު ޝަކީލް ނިންމެވީ ރިޝްވަތުގެ ކުށުގައި ހަތަރު އަހަރަށް ޖަލަށްލުމާއި މަނީ ލޯންޑްރިންގެ ކުށުގައި ހަތް އަހަރަށް ޖަލަށް ލުމަށެވެ.

މަނީ ލޯންޑްރިންގެ ގާނޫނުގެ ދަށުން އެ ކުށުގެ އަދަބަކީ ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށްވާތީ ކުށްކުރި ގޮތަށް ބަލައި، އިސްގާޒީ ނިންމެވީ ހަތް އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ކަނޑަައެޅުމަށެވެ. ޖޫރިމަނާ ފައިސާ ހަ މަސް ތެރޭގައި ދައްކަން އެންގެވި އެވެ.

ޔާމީނަށް ރިޝްވަތު ދިންކަން ސާބިތުވި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް އިއްވީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. އޭނާގެ ކުށުގެ ރެކޯޑާއި ސިއްހީ ހާލަތާއި ދިރިއުޅުމުގެ ހާލަތަށް ބެލުމަށްފަހު އަދަބު ލުއިކުރަން އެދިފައިވެ އެވެ.

އެކަމަކު، ރޭވިގެން ކުށް ކޮށްފައިވާތީ އާއި އޭރުގެ ރައީސުލް ޖުމްހޫރިއްޔާ ބޭނުންކޮށްގެން ކުށް ކޮށްފައިވާތީ ޔޫސުފް ނައީމްގެ އަދަބު ލުއި ނުކުރެވޭނެ ކަމަށް އިސްގާޒީ ކުރެއްވި ހުކުމުގައިވެ އެވެ.

އަދަބާ ބެހޭގޮތުން ޔާމީންގެ ފަރާތުން ވާހަކައެއް ނުދެއްކެވި އެވެ. ސަބަބެއްގެ ގޮތުގައި ވަކީލުން ވިދާޅުވީ އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުން އެހެން ދުވަހަކަށް ފަސް ނުކުރާތީ އެވެ.

މީގެ ކުރިން ގއ. ވޮޑަމުލާ ކުއްޔަށް ދިން މައްސަލާގައި ވެސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން 2019 ވަނަ އަހަރު އިއްވި އެވެ. އެ ހުކުމް ސުޕްރީމް ކޯޓުން މިދިޔަ އަހަރު ބާތިލްކޮށް، އެމަނިކުފާނު ވަނީ މިނިވަންކޮށްފަ އެވެ.