މާލޭ ސިޓީ ކައުންސިލުން މާލޭގެ އާންމުތަންތަން ސާފުކޮށް އެތަންތަނުން ކުނި ނަގަން ފެށުމުގެ މަސައްކަތް ކުރަން ފެށުމާ އެކު މަގުތަކުގައި ކުނި ގިނަވެ، އެކަމުން އާންމުންނަށް އުނދަގޫ ފޯރަމުންދާ ކަމަށް ބުނެ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އީޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މާލޭ ސިޓީ ކައުންސިލުން މާލޭގެ މަގުތައް ސާފުކުރުމަށާއި މަގުތަކަށް އަޅާ ކުނި ނެގުމަށް ވެމްކޯ އާއެކު ވެފައިވާ އެއްބަސްވުން ހަމަވުމުން މާލޭގެ މަގުތައް ސާފުކުރުން ހުއްޓިފައިވާ ކަމަށެވެ.
އީޕީއޭ އިން ބުނީ މަގުތަކުގައި ކުނި ގިނަވެ އޭގެ ސަބަބުން ރައްޔިތުންނަށް އުނދަގޫ ކުރިމަތިވަމުންދާ ކަމަށެވެ.
"ގާނޫނީ ގޮތުން މާލޭގެ މަގުތައް ސާފުކޮށް ބެލެހެެއްޓުމަށް މަތިކޮށްފައިވާ ފަރާތުން މާލެތެރެ ސާފުކުރުމުގެ މަސައްކަތް ލަސްނުކޮށް ކުރިއަށް ގެންދަން އިލްތިމާސް ކުރަމެވެ،" އީޕީއޭގެ ބަޔާނުގައިވެ އެވެ.
ކުނީގެ މައްސަލައާ ގުޅޭގޮތުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ ވެމްކޯއިން ނަގަން ޖެހޭ، އާންމު ގޭގެއިން ނެރެ މަގުމަތީ ބަހައްޓާފައި ހުންނަ ކުނި ރޭ ވެމްކޯއިން ގަސްތުގައި ނަގާފައި ނުވާ ކަމަށެވެ.
މޭޔަރު ވިދާޅުވީ ވެމްކޯއިން އުކާލަން ޖެހޭ ކުނީގެ 10 ޓަނުގެ ކުނި ސިޓީ ކައުންސިލުން މިހާރުވެސް ނަގާފައިވާ ކަމަށެވެ.
ވެމްކޯއާ އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެއްބަސްވުން އާ ނުކުރަން ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ. ސަބަބެއް ކަމަށް އެ ކައުންސިލުން ބުނީ މާލޭގެ މަގުތަކުން ވެމްކޯއިން ރަނގަޅަށް ކުނި ނުނަގާ ކަމަށެވެ.
މާލޭގެ މަގުތަކުން ކުނި ނަގާނެ މުވައްޒަފުން ހޯދަން ސިޓީ ކައުންސިލުން ވަނީ އިއުލާންކޮށްފަ އެވެ.