އެމްޑީޕީއަކީ އެއްވެސް އިރެއްގައި ރިއެކްޓް ކުރާ ޕާޓީއެއް ނޫން ކަމަށާއި މި ޕާޓީއަކީ އަބަދުވެސް ޕްރޯ އެކްޓިވް ޕާޓީއެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިރޭ ވިދާޅުވެއްޖެ އެވެ.

މާރިޔާ މިހެން ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯގައި ހުރި ކަންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނުވި ކަމަށާއި އެމަނިކުފާނަށް "ރިއެކްޓް" ނުކުރެއްވުނު ކަމަށް ވިދާޅުވެ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވާ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ.

"އަޅުގަނޑުމެން އަބަދުވެސް ދައްކަނީ ހަ ކުޅި ކުރިއަށް ކުޅޭ ވާހަކަ. ތިޔަބޭފުޅުން ހަނދާން ހުންނާނެ އަޅުގަނޑުމެންނަކީ ބައެއްގެ ފަހަތުން، ބަޔަކު ކުރާ ކަމަކަށް ބަލަމުންދާ ބައެއް ނޫން. ހަ ކުޅި ކުރިއަށް ކުޅޭ ވާހަކަ ދައްކަމުން މިހިސާބަށް އައިސް ކުއްލިއަކަށް ރިއެކްޓްގެ ވާހަކަ ދެއްކެވީމަ އަޅުގަނޑު ވަރަށް ދެރަވޭ،" އެމްޑީޕީ ޕްރައިމަރީގައި ރައީސް ސޯލިހަށް ތާއީދުކުރައްވާ މާރިޔާ ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ޕްރައިމަރީ ކެމްޕޭން ޖަލްސާގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރޭ ދަނޑިކޮށީ ޖަގަހާގައި ވާހަކަދައްކަވަނީ.

އަންނަ ޖެނުއަރީ މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޓީމުން ބޭއްވި ޖަލްސާގައި މާރިޔާ ވިދާޅުވީ، އެ ޕާޓީގެ ރައީސްގެ މަގާމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ނަޝީދު މި ސަރުކާރާ ދެކޮޅަށް މަސައްކަތްޕުޅު ކުރައްވާތީ މީހުން ސުވާލުކުރާ ކަމަށެވެ.

އޭނާއަކީ އެމްޑީޕީގެ "މަންމަ" ކަމަށް ގިނަ ބަޔަކު ދެކޭތީ ނަޝީދު ކުޅުއްވާ އެ މަންޒަރު ބެލުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް މާރިޔާ ވިދާޅުވި އެވެ.

"ކޯއްޗެއްތޯ އެ މަނިކުފާނަށް މަދުވެގެން ނުކުމެވަޑައިގެން، ހިނގަމުންދާ ސަރުކާރަކާ އެހާ ބޮޑަށް ހިތްޕުޅާ ހަމަނުޖެހިގެން އެ ވާހަކަ ދެއްކެވެނީ. މިއީ ހަމަ މާލޭ މީހުން އަޅުގަނޑު ގާތުގައި ހަމަ އަހާ ވާހަކައެއް،" އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ނަޝީދުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ކުރިން ހިމެނުނު މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ ރިއެކްޓް ކުރުމަކީ އެމްޑީޕީގެ ވިސްނުމާ ވަރަށް ބީރައްޓެހި ވިސްނުމެއްގެ ވާހަކަ ކަމަށެވެ.

އެ ޕާޓީ އަބަދުވެސް ކަންކަން ކުރާނީ ޕްރޯ އެކްޓިވްކޮށް ކަމަށާއި އެމްޑީޕީން ކުޅޭނީ ހަ ކުޅި ކުރިއަށް ކަމަށް ވެސް ވިދާޅުވި އެވެ.

ހަ ކުޅި ކުރިއަށް ކުޅޭ ވާހަކަ ދައްކަމުން މި ހިސާބަށް އައިސް ކުއްލިއަކަށް ރިއެކްޓްގެ ވާހަކަ ދެއްކީމާ އަޅުގަނޑު ވަރަށް ދެރަވޭ. އެއީ މި ޕާޓީގެ ވިސްނުމާ ވަރަށް ބީރަށްޓެހި ކަމެއް ރިއެކްޓް ކުރުމަކީ،

"ހަ ކުޅި ކުރިއަށް ކުޅޭ ވާހަކަ ދައްކަމުން މި ހިސާބަށް އައިސް ކުއްލިއަކަށް ރިއެކްޓްގެ ވާހަކަ ދެއްކީމާ އަޅުގަނޑު ވަރަށް ދެރަވޭ. އެއީ މި ޕާޓީގެ ވިސްނުމާ ވަރަށް ބީރަށްޓެހި ކަމެއް ރިއެކްޓް ކުރުމަކީ،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަން ފަދަ އެތައް ގޮންޖެހުންތަކެއް ކުރިމަތިވި ވަގުތުގައާއި ޕާޓީގެ މެމްބަރުން ހިތްހަމަނުޖެހިގެން ކޯލިޝަންގެ ވާހަކަ ދެއްކި ނަމަވެސް ވައުދުތައް ފުއްދައި ސަރުކާރު ދެމެހެއްޓެވި ހަމައެކަނި ރައީސްއަކީ ރައީސް ސޯލިހް ކަމަށެވެ.

"ރައީސް ސޯލިހު ނޫން އެހެން ބޭފުޅެއް ނަމަ އެ ވިދާޅުވާ ފާޑާއި އެ ހުރިހާ އެއްޗެއްގެ ތެރޭގައި ކެތްތެރިކަން ގެއްލި، ހަމަ އަނެއްކާވެސް ރައީސް ނަޝީދު ޖަލަށް ލައްވާނެ. އެއީ ހަމަ ޝައްކެއް ނެތް ކަމެއް،" މާރިޔާ ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ޕްރައިމަރީ ކެމްޕޭން ޖަލްސާގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރޭ ދަނޑިކޮށީ ޖަގަހާގައި ވާހަކަދައްކަވަނީ.

މާރިޔާ ވިދާޅުވި ގޮތުގައި އެއް ޕާޓީއަކަށް ވެރިކަން ކުރުމަކީ ރާއްޖޭގައި މިވަގުތު ނުކުރެވޭނެ ކަމެކެވެ. އެހެންވެ، އެކި ފިކުރުގެ ޕާޓީތަކާ ގުޅިގެން ވެރިކަން ކުރެއްވުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެކަމަކު ހަތަރު އަހަރު ވަންދެން ކޯލިޝަން ދެމެހެއްޓުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގާބިލުކަން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ނަޝީދުގެ ވެރިކަމުގެ ކުރީކޮޅު ވެސް ކެބިނެޓް އިސްތިއުފާ ދިނުން ފަދަ ކަންކަން ކުރަން ޖެހުނު ކަމަށް ވިދާޅުވި އެވެ.

"ހަނީ މޫން ޕީރިއަޑް ނިމުނު ކަމެއް ނޭނގޭ، ކެބިނެޓް ބޭފުޅުން އިސްތިއުފާ ދޭން ވެއްޖެ،" ނަޝީދުގެ ސަރުކާރަށް އިޝާރާތްކޮށް، މާރިޔާ ވިދާޅުވި އެވެ.