ސައުދީގެ އަލް ނަސްރުން ބުނެފައި ވަނީ ރޮނާލްޑޯ އެ ކްލަބަށް ގެންދިއުމަކީ ވެސް ބޮޑު ކާމިޔާބީއެއް ކަމަށް. ރޮނާލްޑޯ ބުނެފައި ވަނީ ޔޫރަޕުގެ ފުޓުބޯޅައިގައި އޭނާ ހޯދަން ބޭނުންވާ ހުރިހާ ކާމިޔާބީއެއް މިހާރު ހާސިލް ކުރެވިއްޖެ ކަމަށާއި އޭނާ ގަބޫލްކުރާ ގޮތުގައި މިއީ ފުޓުބޯޅައިގެ ތަޖްރިބާ އޭޝިއާގައި ހިއްސާކުރަން އެންމެ ރަނގަޅު ވަގުތު ކަމަށް.

ރިޔާޒް (ޑިސެމްބަރު 31) - ދުނިޔޭގެ ފުޓުބޯޅައިގައި ކުޅުންތެރިއަކަށް ދޭ އެންމެ ބޮޑު މުސާރަ އަށް ކްރިސްޓިއާނޯ ރޮނާލްޑޯ ސައުދީ އަރަބިއާގެ ކްލަބަކަށް އިއްޔެ ސޮއިކޮށްފި އެވެ.

ސައުދީގެ އަލް ނަސްރު ފުޓުބޯޅަ ކްލަބަށް ރޮނާލްޑޯ ސޮއިކޮށްފައި ވަނީ ރެކޯޑް ފީއެއް ކަމަށްވާ އަހަރަކު ގާތްގަނޑަކަށް 200 މިލިއަން ޔޫރޯއަށެެވެ. އެއްބަސްވުމުގެ މުއްދަތަކީ 2025 ގެ ނިޔަލަށެވެ.

ޕޯޗުގަލްގެ ކެޕްޓަން މެންޗެސްޓާ ޔުނައިޓާ އެކު ހަދާފައިވާ އެއްބަސްވުން، ދެ ފަރާތުން ރުހިގެން ދާދި ފަހުން ވަނީ ނިމުމަކަށް ގެނެސްފަ އެވެ. އެ އެއްބަސްވުން ނިމުމަކަށް ގެނެސްފައި ވަނީ ކްލަބަށާއި ކޯޗަށް ފާޑުކިޔައި ރޮނާލްޑޯ ދިން އިންޓަވިއުއަކާ ގުޅިގެންނެވެ.

އުމުރުން 37 އަހަރުގެ ރޮނާލްޑޯ ބުނެފައި ވަނީ ތަފާތު ގައުމެއްގައި، ތަފާތު ލީގެއްގައި ފުޓުބޯޅައިގެ ތަޖްރިބާކުރަން ބޭނުންވާ ކަމަށެވެ.

"ޔޫރަޕުގެ ފުޓުބޯޅައިގައި އަހަރެން ހޯދަން ބޭނުންވާ ހުރިހާ ކާމިޔާބީއެއް މިހާރު ހާސިލް ކުރެވިއްޖެ. އަހަރެން ގަބޫލްކުރާ ގޮތުގައި މިއީ ފުޓުބޯޅައިގެ ތަޖްރިބާ އޭޝިއާގައި ހިއްސާކުރަން އެންމެ ރަނގަޅު ވަގުތު،" ރޮނާލްޑޯ ބުނެފައިވެ އެވެ.

ސައުދީ ޕްރޯ ލީގުގެ ޗެމްޕިއަންކަން ނުވަ ފަހަރު ހޯދާފައިވާ އަލް ނަސްރުން ބުނެފައި ވަނީ ރޮނާލްޑޯ އެ ކްލަބަށް ސޮއިކުރުމަކީ ވަރަށް ތާރީޚީ ކާމިޔާބީއެއް ކަމަށެވެ.

މިދިޔަ ހޫނު މޫސުމުގައި ރޮނާލްޑޯ ވަނީ ސައުދީގެ އެހެން ކްލަބެއް ކަމަށްވާ އަލް ހިލާލުން ހުށަހެޅި 305 މިލިއަން ޕައުންޑުގެ ޑީލްއާ ދެކޮޅު ހަދައިފަ އެވެ. އެ ފަހަރު ރޮނާލްޑޯ ބުނެފައި ވަނީ ޔުނައިޓެޑުގައި ހުރީ ހިތްހަމަޖެހިގެން ކަމަށެވެ. ނަމަވެސް މިދިޔަ ނޮވެމްބަރު މަހު ރޮނާލްޑޯ ދިން އިންޓަވިއުގައި ވަނީ ޔުނައިޓެޑުން އޭނާ އަށް ބޭވަފާތެރިވެފައިވާ ކަމަށާއި ކޯޗު އެރިކް ޓެން ހަގަށް އިހުތިރާމް ނުކުރާ ކަމަށް ބުނެފަ އެވެ.

ރޮނާލްޑޯގެ ފުޓުބޯޅަ ކެރިއަރު

  • 12 އޮގަސްޓް 2003 މެންޗެސްޓާ ޔުނައިޓެޑް 12.24 މިލިއަން ޕައުންޑް
  • 6 ޖުލައި 2009 ރެއާލް މެޑްރިޑް 80 މިލިއަން ޕައުންޑް
  • 10 ޖުލައި 2018 ޔުވެންޓަސް 99.2 މިލިއަން ޕައުންޑް
  • 13 އޮގަސްޓް 2021 މެންޗެސްޓާ ޔުނައިޓެޑް 12.8 މިލިއަން ޕައުންޑް
  • 31 ޑިސެމްބަރު 2022 އަލް ނަސްރު 177 މިލިއަން ޕައުންޑް

ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް 346 މެޗު ކުޅެދީ 145 ގޯލު ޖަހައިދީފަ އެވެ. ޔުނައިޓެޑް ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވިތާ 11 އަހަރު ފަހުން އަލުން ޔުނައިޓެޑާ ގުޅުނީ އޮގަސްޓް 2021 ގަ އެވެ. ރޮނާލްޑޯ ޔުނައިޓެޑަށް ބަދަލުވީ އިޓަލީގެ ޔުވެންޓަސް އިންނެވެ.

ޔުނައިޓެޑް ދޫކޮށް ރޮނާލްޑޯ ދިޔައީ އެއްބަސްވުމުގައި ހަތް މަސް ބާކީ އޮއްވަ އެވެ. ރޮނާލްޑޯ ޔުނައިޓެޑަށް ކުޅެމުން ދިޔައީ ހަފުތާއަކު 500،000 ޕައުންޑުގެ މުސާރައަކަށެވެ.

"ޔޫރަޕުގެ ފުޓުބޯޅައިގައި އަހަރެން ހޯދަން ބޭނުންވާ ހުރިހާ ކާމިޔާބީއެއް މިހާރު ހާސިލް ކުރެވިއްޖެ. އަހަރެން ގަބޫލްކުރާ ގޮތުގައި މިއީ ފުޓުބޯޅައިގެ ތަޖްރިބާ އޭޝިއާގައި ހިއްސާކުރަން އެންމެ ރަނގަޅު ވަގުތު،"
Ronaldo

ރޮނާލްޑޯ ކްލަބު ދޫކޮށް ދިޔަތާ ދެ ދުވަސް ފަހުން ވަނީ ޑޮމެސްޓިކް ލީގުގެ ދެ މެޗަށް ސަސްޕެންޑް ކޮށްފަ އެވެ. އެއީ މިދިޔަ އެޕްރީލް މަހު ގުޑިސަން ޕާކުގައި ކުޅެ ޔުނައިޓެޑު ބަލިވި މެޗަށް ފަހު އެވަޓަންގެ ސަޕޯޓަރެއްގެ ފޯނު ތަޅާލި މައްސަލައިގަ އެވެ. ރޮނާލްޑޯގެ މި އަދަބު ކޮންމެ ކްލަބެއްގައި ހުރި ނަމަވެސް ތަންފީޒް ކުރަން ޖެހޭނެ އެވެ. ނަމަވެސް ޗެމްޕިއަންސް ލީގު ކަހަލަ ކޮންޓިނެންޓަލް މުބާރާތެއްގައި މި އަދަބަށް އަމަލުކުރާކަށް ނުޖެހޭނެ އެވެ.

ދާދި ފަހުން ގަތަރުގައި ނިމުނު ވޯލްޑް ކަޕްގައި ރޮނާލްޑޯ ވަނީ ތަފާތު ފަސް ވޯލްޑް ކަޕެއްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ.

ސައުދީގެ ކްލަބަށް ސޮއިކުރުމަށް ފަހު ރޮނާލްޑޯގެ ޖާޒީ ދައްކާލަނީ.

ރޮނާލްޑޯ ބުނެފައި ވަނީ ފުޓުބޯޅައިގައި އޭނާ އެންމެ ހޯދަން ބޭނުންވި ކާމިޔާބީ އަކީ ވޯލްޑް ކަޕް ކަަމަށެވެ. ނަމަވެސް އެ އުއްމީދު ހާސިލް ނުވެ ރޮނާލްޑޯގެ ބައިނަލްއަގުވާމީ ފުޓުބޯޅަ ކެރިއަރު މި ވަނީ ގާތްގަނޑަކަށް ނިމިފަ އެވެ. ވޯލްޑް ކަޕެއްގައި ކުޅުންތެރިއެއްގެ ގޮތުގައި ރޮނާލްޑޯ ފެނުން ދެން ވަރަށް ދުރެވެ.

ދުނިޔޭގައި އުފެދުނު މަޝްހޫރު ކުޅުންތެރިންގެ ކެރިއަރުގެ ފަހު ކޮޅު ބޮޑު މުސާރަ އަށް، އެހާ މަޝްހޫރު ނޫން ލީގުތަކަށް މީގެ ކުރިން ވަނީ ކުޅެފަ އެވެ. އިނގިރޭސި ވިލާތުގެ ޑޭވިޑް ބެކަމް އެމެރިކާ ލީގަށް ދިޔައީ ވަރަށް ބޮޑު މުސާރައަކަށެވެ. ސްޕޭނުގެ ޒަވީ ހެނާންޑޭޒް ގަތަރަށް ދިޔައީ ވެސް އެހާ ބޮޑު އަގަކަށެވެ. ބްރެޒިލް އާއި އާޖެންޓީނާގެ މަޝްހޫރު ބައެއް ކުޅުންތެރިން ވަނީ ޗައިނާ ލީގުގައި ވެސް ކުޅެފަ އެވެ.

މަޝްހޫރު ކުޅުންތެރިންގެ ކެރިއަރުގެ ފަހު ކޮޅު ބައެއް ގައުމުތަކަށް ގެންދަނީ އެ ގައުމުތަކުގެ ފުޓުބޯޅަ ލީގު މަޝްހޫރު ކުރާށެވެ.