ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ފުރަތަމަ ޓޫރިސްޓަށް ހޫނު މަރުހަބާ ކިޔައިފި އެވެ.
މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ޓޫރިސްޓަކީ ރަޝިއާ ފިރިހެނެކެވެ.
ކޮންމެ އަހަރަކުވެސް ރާއްޖެއަށް ޒިޔާރަތްކުރާ ފުރަތަމަ ޓޫރިސްޓަށް މަރުޙަބާކިޔުމަށް ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ އާއި އެމްއޭސީލްއެލްގެ އިތުރުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުން ހާއްސަ ހަރަކާތެއް ބާއްވަ އެވެ. އެގޮތުން މިއަހަރު ވެސް ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ޓޫރިސްޓަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ވަނީ ހާއްސަ ހަރަކާތްތަކެއް ބާއްވާފަ އެވެ.
މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިއަކީ ރަޝިއާ ފިރިހެނެއް ކަމަށްވާ ނިކޮލައި ސްޓްރޭޓިކަކް އެވެ. ނިކޮލައި ރާއްޖެއަށް އައިސްފައި ވަނީ އޭނާގެ އާއިލާއާއެކު އެވެ.
އާ އަހަރާއި ދިމާކޮށް ޗުއްޓީ ހޭދަކުރަން ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކުރެއެވެ. އެގޮތުން ނިކޮލައި ވެސް އޭނާގެ އާއިލާއާއެކު ރާއްޖެއައީ އާ އަހަރުގެ ޗުއްޓީ ހޭދަ ކުރުމަށެވެ. މިއީ އޭނާ އާއިލާއާއެކު ރާއްޖެ އައި ފުރަތަމަ ފަހަރެވެ.
ރާއްޖޭގެ ޓޫރިޒަމް ދުނިޔެއަށް އިޝްތިހާރުކޮށް ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުކުރުމަށް އެމްއެމްޕީއާރުސީ އާއި މި ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުން ގިނަ މަސައްކަތްތަކެއް ކުރެ އެވެ. މި މަސައްކަތްތަކާއެކު "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން"ގެ ޝަރަފުވެރި ވިދިވިދިގެން ތިންވަނަ ފަހަރަށް 2022ގައި ރާއްޖެއަށް ވަނީ ލިބިފަ އެވެ. އަދި މިދިޔަ އަހަރަށް ސަރުކާރުން ކަނޑައެޅި 1.6 މިލިއަން ޓޫރިސްޓުން ގެނައުމުގެ އަމާޒު ވެސް ވަނީ ހާސިލްކޮށްފަ އެވެ.
މިދިޔަ އަހަރު 1.6 މިލިއަން ޓޫރިސްޓުންގެ އަމާޒު ހާސިލްވެފައިވާއިރު، މިއަހަރަކީ ރާއްޖޭގެ ޓޫރިޒަމްގެ ރެކޯޑްތައް މުގުރާލާނެ އުއްމީދު ބޮޑު އަހަރެއް ކަމަށް ސަރުކާރުން ދެކެ އެވެ. ސަރުކާރުން މިއަހަރު އަމާޒު ހިފާފައިވަނީ ރާއްޖެއަށް 1.8 މިލިއަން ޓޫރިސްޓުން ގެނައުމަށެވެ.
ކޮވިޑްގެ ކުރިން 2019 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 1.7 މިލިއަން ޓޫރިސްޓުންނެވެ. އެހެންކަމުން 1.8 މިލިއަން ޓޫރިސްޓުން ރާއްޖެ އަތުވެއްޖެ ނަމަ މި އަދަދު ވާނީ ރާއްޖޭގެ ޓޫރިޒަމްގެ މިހާތަނަށް ހެދޭ ރެކޯޑް އަދަދަކަށެވެ.