ރ. އަލިފުށީ ކުނިގޮނޑު ސަރަހައްދުގައި ހުރި ފައިބަރުތަކެއްގައި އަލިފާން ރޯވެއްޖެ އެވެ.

އަލިފުށީ ކައުންސިލުން މައުލޫމާތުދިން ގޮތުގައި އަލިފާން ރޯވެފައިވަނީ ބޯޓު ފަހަރު ބަނުމަށް ބޭނުންކުރުމަށްފަހު އުކާލާ ފައިބަރުތަކުގަ އެވެ.

އެ ފައިބަރުތައް ބަހައްޓާފައި ހުންނާނީ އެހެނިހެން ކުނިގޮނޑުގައި އެހެނިހެން ކުނިތަކާއި ވަކިން ކަމުގައި ކައުންސިލުން ބުނެފައިވެ އެވެ.

އެގޮތުން ފައިބަރުތަކުގައި އަލިފާންގަނޑު ރޯވީ މިއަދު މެންދުރު 2:00 ހާއިރު ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.

ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކުރިނަމަވެސް އަދިވެސް ނިއްވާ ނުލެވޭކަމަށް އެކައުންސިލުން ބުންޏެވެ.

"މި ވަގުތު ވެސް އަލިފާންގަނޑު ކޮންޓްރޯލެއް ނުކުރެވޭ. ހަމަ އަނދަމުން ދަނީ. ވައި ހުރީ ދެކުނަށް އެހެންވެ ރަށުތެރެއަށް އަސަރެއް ނުކުރޭ. އެކަމަކު، ވައި ބަދަލުވެ ރަށަށް ދުންގަނޑު ހިނގައްޖެނަމަ ގޭގެއިން މީހުން މަގުމައްޗަށް ނެރެން ޖެހޭ ހާލަތަށް ގޮސްފާނެ." އަލިފުށީ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ޒަހީން "ވަގުތު" ނޫހަށް ކިޔައިދިނެވެ.

އެ ކައުންސިލުން އިތުރަށް ބުނީ، ރތްމަރީނު ލިބިފައިވާ ޒުވާނުންނާއި ފުލުހުން އެކީގައި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.