ތެހެރާން (11 ޖެނުއަރީ) ފްރާންސްގެ ނޫހެއް ކަމަށްވާ ޗާލީ ހެބްޑޯގައި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ކާޓޫނު ކުރަހައި އާއްމުކުރި މައްސަލައިގައި އީރާނުގެ ގުދުސް ފޯސްއިން ވަރުގަދަ އިންްޒާރެއް ދީފި އެވެ.
ގުދުސް ފޯސްގެ އިސް ވެރިޔާ ހުސައިން ސަލާމީ ވިދާޅުވީ ޚާމަނާއީ އަށް ފުރައްސާރަކޮށް ކާޓޫނު ޖެހުމުގެ ބަދަލު މުސްލިމުން ކޮންމެވެސް ސިފައެއްގައި ހިފާނެ ކަމަށެވެ.
އޭގެ އިތުރުން ސަލާމީ ވަނީ ސަލްމާން ރުޝްދީ އަށް ކުރިމަތިވިފަދަ ހަމަލާއެއް އެ ނޫހުގެ މުވައްޒަފުންނަށް ވެސް ކުރިމަތިވެދާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ.
ސަލްމާން ރުޝްދީއަށް ވަނީ އޭނާ ލިޔުނު ދަ ސެޓެނިކް ވާސަސް ނަމަކަށް ކިޔާ ފޮތާ ގުޅިގެން އީރާނުގެ ނުރުހުން އަމާޒުވެ މިދިޔަ އޮގަސްޓް މަހުގެ 12 ވަނަ ދުވަހު ބަޑިން ހަމަލާ ދީފަ އެވެ.
ޗާލީ ހެބްޑޯއިން ވަނީ އީރާނުގައި މިހާރު ކުރިއަށްދާ ހަމަނުޖެހުންތަކަށް ބާރުދޭ ބީދައިން ޚާމަނާއީގެ ޒާތުޕުޅަށް ފުރައްސާރަކޮށް މިދިޔަ ހަފްތާގައި ނެރުނު އެ ނޫހުގެ އަދަދެއްގައި ކާޓޫނު ޖަހައިފަ އެވެ.
މިކަމުގެ ސަބަބުން އީރާނާއި އެ ގައުމަށް ވާގިވެރިވާ ގައުމުތަކުގެ ނުރުހުން ފްރާންސަށް އަމާޒުވެފައިވާއިރު އެ ގައުމުތަކުން ވަނީ މިކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.
ގުދުސް ފޯސްއިން އިތުރަށް ބުނެފައިވަނީ ޚާމަނާއީއަކީ އެތައް ހާސް މުސްލިމުންނެއްގެ ވެރިޔާ ކަމަށާއި އޭނާއަށް ކުރާ ފުރައްސާރައަށް މުސްލިމުން މަޑުން ނުތިބޭނެ ކަމަށެވެ. -- އަލް އަރަބިއްޔާ