މިދިޔަ އަންގާރަދުވަހު ހުޅުމާލޭގެ ގޮނޑުދޮށުން ފެނުނީ ލައްގާފައި ހުރި ކަށިތަކެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ، ހުޅުމާލޭ ރެޑްބުލް ޕާކްއާއި ދިމާ އަތިރިމަތި ސަރަހައްދުން ފެނިފައިވާ ކަށިތަކަކީ ލައްގާފައިވާ އެއްޗެތިކަމަށް ބެލެވޭކަމަށެވެ.

އެ ކަށިތައް ތަހުލީލް ކުރުމުގެ މަސައްކަތް އެއިދާރާއިން ކުރަމުން ގެންދާކަމަށް ފުލުހުން ބުނެފައިވެ އެވެ.

އެ ސަރަހައްދުން އިންސާނެއްގެ ކަށިތަކެއް ކަމަށް ބެލެވޭ އެއްޗެތި ފެނިފައިވަނީ މިދިޔަ އަންގާރަދުވަހުގެ ހަވީރު 5:38 ހާއިރު އެވެ.

އެކަށިތައް ފެނުނީ ކުނިތަކަކާ އެއްވެފައި ވަނިކޮށް ކަމަށް މައުލޫމާތު ލިބެ އެވެ.

ހުޅުމާލެއިން ކަށިތަކެއް ފެނިފައިވަނިކޮށް، ދާދި ފަހުން ވެސް ވ. އަތޮޅުގެ ސަރަހައްދުން އޮޔާ ދަނިކޮށް އިންސާނެއްގެ ހަށިގަނޑެއް ފެނިފައިވެ އެވެ. އަދި އެ ހަށިގަނޑުގެ ޑީއެންއޭ ހެދުމުގެ މަސައްކަތްވެސް ފުލުހުން ކުރަމުން ގެންދާކަމަށް އެ އިދާރާއިން ހާމަކޮށްފައިވެ އެވެ.

މިދެ މައްސަލައިގައި ބަލަން ޖެހޭ ކަންކަން އިތުރަށް ތަހުލީލުކޮށް، ހޯދަމުން ގެންދާނެކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.