އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ ޝަރީއަތް ނިމުނު ގޮތުގެ ތަފްސީލީ ރިޕޯޓު އެ ކޯޓުން މިއަދު އެ މަނިކުފާނުގެ ވަކީލުންނަށް ދޫކޮށްފި އެވެ.

ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނޭ އާދަމް ޝަމީމް ވަނީ މިއަދު ރިޕޯޓް ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ކުރިއަށް އޮތީ ބުރަ ދުވަސްކޮޅެއް ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ވަކީލުންނަށް މި ދޫކުރީ ރިޕޯޓް ހޯދުމަށް އެދި ތަކުރާރުކޮށް ދަންނަވައިގެން ކަމަށްވެސް ވަކީލުން ހާމަކުރެ އެވެ. އަދި ރިޕޯޓް ނުލިބިގެން އެކަމުގެ ކަންބޮޑުވުން ފާޅުކުރުމަށް ކޯލިޝަންގެ ލީޑަރޝިޕުންވަނީ ކްރިމިނަލް ކޯޓަށްވެސް ގޮސްފަ އެވެ.

ރައީސް ޔާމީންގެ ޝަރީއަތް ނިމުނު ގޮތުގެ ހުލާސާ ރިޕޯޓްވެސް ކްރިމިނަލް ކޯޓުން ދޫކުރީ ހުކުމް ކުރި ދުވަހުގެ އަނެއް ދުވަހު އެވެ.

ހައި ކޯޓުގައި މައްސަލައެއް އިސްތިއުނާފު ކުރަން ލިބެނީ 60 ދުވަހެވެ.

ރައީސް ޔާމީންގެ ވަކީލުން ކުރިން ވިދާޅުވެފައި ވަނީ، އިސްތިއުނާފު ނުކުރެވި ލަސްވަނީ ހުކުމުގެ އިސްތިއުނާފު ތައްޔާރުކުރަން ޝަރީއަތް ނިމުނު ގޮތުގެ ތަފްސީލީ ރިޕޯޓާއި ކޯޓުގައި ދެއްކި ހުރިހާ ވާހަކަތަކެއް ހިމެނޭ ޖުމްލަ ބަޔާންތައް ކޯޓުން ނުދޭތީ ކަމަށެވެ.