ކެމްބޯޑިއާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ކެމްބޯޑިއާ އަށް ތައުލީމީ އަދި މަސައްކަތްތެރިކަމުގެ ދާއިރާއިން ގިނަ ފުރުސަތުތަކެއް ފަހިކޮށްދެއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ބޭއްވި މަޝްވަރާ ބައްދަލުވުންތަކަށްފަހު ދެއްވި ގުޅިފައިވާ ބަޔާނުގައި ވިދާޅުވީ ކެމްބޯޑިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ބޭއްވި މަޝްވަރާ ބައްދަލުވުމުގައި އެންމެ ބޮޑު އިސްކަމެއްދީފައި ވާނީ ދެ ގައުމުގެ ދޭދޭ ގުޅުންތަކުގެ މައްޗަށް ކަމަށެވެ.

މި މަޝްވަރާތަކުގައި ލިބިވަޑައިގެންނެވި ކުރިއެރުންތަކާ މެދު ހިތްޕުޅު ހަމަޖެހިވަޑައިގަތުން ފާޅުކުރައްވާ ރައީސް ވަނީ އެއްބަސްވެވުނު ލަނޑުދަނޑިތައް ޙާޞިލުކުރާނެ ގޮތްތަކާ މެދު އިތުރަށް މަޝްވަރާކުރުމަށް، ދެ ގައުމުގެ އޮފިޝަލުންގެ މެދުގައި ވަރަށް އަވަހަށް ބައްދަލުވުންތައް ބާއްވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކެމްބޯޑިއާއަކީ ވެސް އޭޝިއާގެ ގައުމެއް ކަމަށާއި ދޭދޭ ގައުމުތަކާއި ގުޅުން ބަދަހިކޮށް އެހީތެރިކަން ލިބިގެން އުޅުމުގެ މުހިންމުކަމެވެ. އަދި، އެކަމުންވާ ފައިދާ ދެ ގައުމަށް ވެސް އެނގޭކަމަށް ވިދާޅުވި އެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައީސް ސޯލިހާ ބައްދަލުކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ ކެމްބޯޑިއާގެ ބޮޑުވަޒީރާ އެކު ބޭއްވި މަޝްވަރާތަކުގެ ތެރޭގައި ރާއްޖެއިން އެ ގައުމަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ގައުމުގެ ރައްޔިތުންނަށް ތައުލީމީ ދާއިރާއިންނާއި މަސައްކަތުގެ ދާއިރާއިން ފުރުސަތުތަކެއް ދިނުމަށް ނިންމާފައިވާކަން ރައީސް އިއުލާންކުރެއްވި އެވެ.

ރައީސް ވިދާޅުވިގޮތުގައި ކެމްބޯޑިއާއަކީ ވެސް ފަތުރުވެރި ގައުމަކަށް ވެފައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތަށް އެ ގައުމުން އެދިފައިވާތީ އެ ގައުމަށް އެ ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރުމަށް އިންޓާންޝިޕްގެ 20 ފުރުސަތު ދެއްވަން ނިންމެވި ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރަށް ކޯސްޓްގާޑުން ހިންގާ ބޭސިކް ޑައިވް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ކެމްބޯޑިއާގެ ސިފައިންނަށާއި އެމްއެންޔޫއިން ދެ ސްކޮލަޝިޕް ފުރުސަތު ވެސް އެ ގައުމަށް ދޭން ނިންމަވާކަން ވެސް ރައީސް ހިއްސާކުރެއްވި އެވެ.

ރައީސް ވިދާޅުވީ ބޮޑުވަޒީރުގެ މި ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުން ކުރިއަށްއޮތް ތަނުގައި ކުރިއަށްދާނެ ގޮތާއި، ބަދަހިކަން އިތުރުކުރުމަށް އެޅިގެން ދިޔަ ބިންގަލެއް ކަމަށެވެ. އެގޮތުން މި ދަތުރުފުޅުގައި 6 ދާއިރާއަކުން އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާކަން ފާހަގަކުރައްވާ ރައީސް ވަނީ މި ނޫންވެސް ގިނަ ކަންތައްތަކެއް ދެ ގައުމުގެ މަޝްވަރާތަކުގެ ތެރެއިން ފާހަގަވެގެން ދިޔަ ކަމަށް ވިދާޅުވެފަ އެވެ.

އޭގެ ތެރޭގައި އިގްތިސޯދީ ދާއިރާއިން ދެ ގައުމުން ގުޅުން ބަދަހިކޮށް، ވިޔަފާރީގެ ފުރުސަތު ފަހިކުރުމަށް ގިނަ މަޝްވަރާތަކެއް ކުރެވުނު ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ ތެރޭގައި ގޮވާމާއި އެހެނިހެން ތަކެތި ރާއްޖެއަށް އެތެރެކުރުމާއި، ރާއްޖެއިން އުފައްދާ މަސް އެކްސްޕޯޓްކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވުނުކަން ރައީސް ފާހަގަކުރެއްވި އެވެ.

"ކެމްބޯޑިއާއަކީ ގިނަ އަދަދަކަށް ހަނޑޫ އުފައްދާ ގައުމެއްގެ އިތުރުން ދުނިޔޭގެ ފެންވަރުގެ ހަނޑުލާއި ދަނޑުވެރިކަމުގެ ބާވަތްތައް، ގިނަ އަދަދަކަށް އެކްސްޕޯޓް ކުރާ ގައުމެއް. އެހެންކަމުން، ކެމްބޯޑިއާގެ ހަނޑުލުގެ ބާޒާރުން ދިވެހިރާއްޖެއަށް އިތުރު ފުރުސަތުތައް ހޯދުމާ ބެހޭގޮތުން އަޅުގަނޑުމެން މަޝްވަރާ ކުރިން. އޭގެ އިތުރުން، ޒުވާރިއާއި، މިރުހާއި، ދަނޑިއަލުއްވާއި، ކެޝޫނަޓް ފަދަ ދަނޑުވެރިކަމުގެ ބާވަތްތަކާއި، މޭވާގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ވެސް އަޅުގަނޑުމެން މަޝްވަރާ ކުރިން. ހަމައެފަދައިން، ރާއްޖެއަކީ ބޭރުން އެތެރެކުރާ މުދަލަށް ބަރޯސާވާ ޤައުމެއްކަމުން، ފޭރާމުގެ ބާވަތްތަކާއި، ދަތުރުފަތުރާ ގުޅުންހުރި މުދަލާއި، ލަކުޑީގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރިން." ރައީސް ވިދާޅުވި އެވެ.

ރަސްމީ ވާހަކަތަކަށްފަހު ވާހަކަފުޅު ދައްކަވަމުން ކެމްބޯޑިއާގެ ބޮޑުވަޒީރު ވަނީ ރާއްޖެއިން އަދާކުރި މެހެމާންދާރިއަށް ޝުކުރުއަދާކުރައްވާފަ އެވެ. މީގެ އިތުރަށް ބޮޑުވަޒީރުގެ ވާހަކަފުޅުގައި ވަނީ އެ ގައުމުން ރާއްޖެއަށް ސްކޮލަޝިޕްގެ 10 ފުރުސަތު ދޭން ނިންމެވި ކަމަށް ވެސް ވިދާޅުވެފަ އެވެ.

މީގެ އިތުރަށް ރަސްމީ މަޝްވަރާތަކުގައި ދެކެވުނު ވާހަކަތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ބޮޑުވަޒީރު ވަނީ ރާއްޖެއިން އެދުނުކަންކަން ފުރިހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.