ދޮންކޭލަކީ ދިވެހިންގެ މެދުގައި އާންމު އެއްޗެކެވެ. ރަށް ރަށުން އަގުހެޔޮ ކޮށް އަބަދުވެސް ގަންނަން ލިބޭ އެއްޗެކެވެ. މިއީ ސިއްހަތަށް ވެސް ގިނަ ފައިދާތަކެއް ލިއްބައިދޭ މޭވާ އެކެވެ.
ފައިބާ ލިއްބައިދޭ
ދޮންކޭލަކީ އޭގައި ގިނަ އަދަދަކަށް ފައިބާ ހިމެނޭ މޭވާ އެކެވެ. ސޮލިއުބަލް އަދި އިންސޮލިއުބަލް ފައިބާވެސް ހިމެނޭ މި މޭވާއަކީ ހެނދުނު ގެ ނާސްތާގައި ހިމެނުން މުހިއްމު މޭވާ އެކެވެ.
ހިތުގެ ސިއްހަތު ރަނގަޅު ކޮށްދޭ
އިނގިރޭސިވިލާތުގެ ޔުނިވާސިޓީއެއް ކަމުގައިވާ ޔުނިވާސިޓީ އޮފް ލީޑްސް އިން ކޮށްފައިވާ ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ގަވާއިދުން ދޮންކެޔޮ ކާނަމަ ހިތުގެ ބަލިތަކުން ދުރުކޮށްދެ އެވެ.
ހަޖަމުގެ މައްސަލަތައް ހައްލު ކޮށްދޭ
ދޮންކޭލުގައި ގިނަ އަދަދަކަށް އެކުލެވޭ ފައިބާގެ ސަބަބުން ހަޖަމުގެ މައްސަލައަށް ހައްލު ލިބި ފާހާނާ ކުރަން ފަސޭހަ ވެެގެންދެ އެވެ.
ނިއުޓްރިއެންޓްސް ލިއްބައިދޭ
ނިއުޓްރިޝަން އަށް ބަލާއިރުވެސް ދޮންކޭލަކީ ފައިދާ ގިނަ މޭވާ އެކެވެ. މި މޭވާގައި ގިނަ އަދަދަކަށް ވިޓަމިން އާއި މިނެރަލްސް ހިމެނެ އެވެ. އޭގެ ތެރޭގައި ޕޮޓޭސިއަމް، ކެލްސިޔަމް، މެގްނީސް، މެގްނީސިއަމް، ދަގަނޑުގެ ބައި، ފޮލޭޓް، ނިއަސިން، ރިބޯފްލަވިން، އަދި ވިޓަމިން ބީ6 ހިމެނެ އެވެ.
ލޭގެ ޕްރެޝަރު ދަށްކޮށްދޭ
ލޭގެ ޕްރެޝަރު މައްޗަށް ދިއުމާއި ލޮނާ ގުޅުމެއް ވާކަމަށް ގިނަ މީހުން ގަބޫލު ކުރެ އެވެ. ދޮންކޭލަކީ އޭގައި ލޮނު މަދުން އެކުލެވޭ އަދި ޕޮޓޭސިއަމް ގިނަ މޭވާ އެކެވެ. އެހެންކަމުން ދޮންކޭލަކީ ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފެހެއްޓުމަށް ރަނގަޅު މޭވާ އެކެވެ.