އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބަށްފަހު، އިދިކޮޅުން ކުރި އިހުތިޖާޖުތަކުގައި "އީސީ ޝަރީފު" ގޮވައިގެން މަޝްހޫރުވި ސޫދާ އަބްދުﷲ އެމްޕީއެލްގައި އޭނާ އަދާކުރަމުންދާ ވަޒީފާއިން އިއްޔެ ވަކިކޮށްފި އެވެ.
ސޫދާ އަކީ ޕީޕީއެމްގެ ކައުންސިލް މެމްބަރެކެވެ.
ވަޒީފާއިން ވަކިކޮށް ފޮނުވި ޗިޓުގައި ބުނެފައިވަނީ އެސިސްޓެންޓް އޮފިސަރުގެ މަގާމުން ވަކިކުރީ ކުންފުނީގެ ޕޮލިސީތަކާ ހިލާފަށް އަމަލުކުރަމުންދާތީ ތަކުރާރުކޮށް ނަސޭހަތް ދިނުމުން ވެސް އެ އަމަލުތަކަށް ބަދަލު އައިސްފައި ނުވާތީ ކަމަށެވެ. ނަމަވެސް އޭނާ ޚިލާފްވެފައިވަނީ ކުންފުނީގެ ޕޮލިސީގެ ކޮންކަމާކަމެއް ހާމަކޮށްފައެއް ނުވެ އެވެ.
ސޫދާ މަޝްހޫރު ވެފައިވަނީ ވެރިކަން ބަދަލުވެގެން ކުރި މުޒާހަރާ ތަކުގެ ތެރޭގައި "އީސީ ޝަރީފޫ " ގޮވައިގެންނާއި އަދި "ސޭޓު އަންހެނުންގެ ފިރިމީހާ" ފަދަ ވާހަކަތަކުންނެވެ. އެ ދުވަސްވަރު ސޯޝަލްމީޑިއާގައި އެކި ގޮތްގޮތުން ސޫދާގެ ބައެއް ވާހަކަތައް މަޝްހޫރުވި އެވެ.
މީހެއްގެ ސިޔާސީ ފިކުރަކަށް ނުވަތަ ވަކިކުލައަކަށް ބަލައިގެން މުވައްޒަފުން ވަޒީފާއިން ވަކިނުކުރާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވެ އެވެ. ނަމަވެސް މިސަރުކާރު އައިފަހުން ވެސް ކުންފުނިތަކާއި ސަރުކާރުގެ އެހެނިހެން ވަޒީފާތަކުގައިތިބި އިދިކޮޅަށް ނިސްބަތްވާ މުވައްޒަފުންނަށް ބިރުދެއްކުމާއި ވަޒީފާއިން ވަކިކުރުން ފަދަ ކަންކަން ހިނގަމުންދާކަން ފާހަގަކުރެވެ އެވެ.