ހަރަކާތްތެރިކަމެއް ނެތި އޮތުމަކީ ރަނގަޅު ކަމެއް ނޫންކަން އެނގެ އެވެ. ޓީވީ ބަލަން ހޭދަކުރާ ވަގުތަކީ މި ޒަމާނުގައި އެންމެ ގިނަ ބަޔަކު މިގޮތަށް ތިބޭ ވަގުތުގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.
އެގޮތުން ބަލާއިރު ހަރަކާތެއް ނެތި ޓީވީ ސީރީޒް އެއް ބަލަން ހޭދަކުރާ ވަގުތަކީ ފުއްޕާމޭގައި ގަނޑު ލޭކޮޅެއް އުފެދި މަރުވުމުގެ ނުރައްކާ އިތުރުވެގެންދާ ސަބަބެއް ކަމަށް ދިރާސާއަކުން ވަނީ ދައްކާފަ އެވެ. މިގޮތުން، ޓީވީ ބެލުމުގައި ހޭދަކުރާ ކޮންމެ އެއް ގަޑިއިރަކީ ސިއްހީ މި ނުރައްކާ 40 ޕަސެންޓަށް އިތުރުވާ ސަބަބެއް ކަމަށެވެ.
ޓީވީ ބެލުމަށް ކޮންމެ ދުވަހަކު ފަސް ގަޑިއިރު ހޭދަކުރާ މީހުން "ޕުލްމޮނަރީ އެމްބްލޮއިޒަމް" ނުވަތަ ފުއްޕާމޭގައި ގަނޑު ލޭކޮޅެއް އުފެދިގެން މަރުވުމުގެ ފުރުސަތު ދުވާލަކު 2.5 ގަޑިއިރު ޓީވީ ބެލުމަށް ހޭދަކުރާ މީހުންނަށް ވުރެ 40 ޕަސެންޓް އިތުރެވެ.
ދިރާސާގައި ބުނެފައި ވަނީ ގިނައިރު ޓީވީ ބެލުމަކީ ހީކުރެވިފައި އޮންނަ ވަރަށް ވުރެ ސިއްހީ ނުރައްކާތައް ބޮޑު ކަމެއް ކަމަށެވެ.
ޖަޕާނުގައި މި ދިރާސާކޮށްފައި ވަނީ 86،000 މީހުންގެ ޓީވީ ބެލުމުގެ އާދަ ހުންނަ ގޮތް ބަލައިގެންނެވެ. އެގޮތުން 1988 އާއި 1990 އާ ދެމެދު، އުމުރުން 40 އަހަރާއި 79 އަހަރާ ދެމެދުގެ މި މީހުންގެ ޓީވީ ބެލުމުގެ އާދަ ބެލި އެވެ. އޭގެ ފަހުން 19 އަހަރުގެ މުއްދަތަކަށް ވަނީ މި މީހުންގެ ސިއްހީ މައްސަލަތައް ހުރި ގޮތް ބަލާފަ އެވެ.
މި މީހުންގެ ތެރެއިން 59 މީހަކު ވަނީ ފުއްޕާމޭގެ ޕުލްމޮނަރީ އެމްބްލޮއިޒަމްގެ ސަބަބުން މަރުވެފަ އެވެ. މިއީ ހަރަކާތްތެރިކަން ކުޑަވުމުގެ ސަބަބުން ކުރިމަތިވާ ސިއްހީ ނުރައްކާތެރި މައްސަަލައެކެވެ.
މިއީ ހަށިގަނޑުގެ ކޮންމެވެސް ހިސާބެއްގައި ލޭކޮޅެއް ގަނޑުވެ، ފުއްޕާމެއާ ހިސާބަށް އެ ލޭކޮޅު ވާސިލްވެ ފުރާނަ އަށް ނުރައްކާވާ ސިއްހީ މައްސަލައެކެވެ. ފަރުވާ ނުހޯދައިފި ނަމަ، މި މައްސަލަ ދިމާވާ މީހުންގެ ތެރެއިން ހަތަރުބައިޅަ އެއް ބައި މީހުން މަރުވެ އެވެ.