ރައްޔިތުންގެ ބަސް އުވާލުމަށްފަހު ލާމަރުކަޒީޤާނޫނު އެއްފަރާތްކޮށް ވިލިމާލޭގައި ބަހުގެ ހިދުމަތް ދިނުމާއި މާލެ ސިޓީ ކައުންސިލުން ދެކޮޅުކަން ހާމަކޮށްފި އެވެ.
ސަރުކާރުގެ ހުއްދައާއިއެކު މާލެ ސިޓީ ކައުންސިލުން ވިލިމާލޭގެ ބަގީ ޚިދުމަތަށް ތައްޔާރުވެފައި ވަނިކޮށް ސިޓީ ކައުންސިލާއި މަޝްވަރާކުރުމެއްނެތި ސަރުކާރުން ބަސް ހިދުމަތް ފަށަން ނިންމި ނިންމުމާއި ދެކޮޅަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު އާއި ކައުންސިލަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ކައުންސިލްގެ 85 ވަނަ ޖަލްސާގައި މިކަމާއިގުޅޭ ކަންބޮޑުވުން ފާޅުކުރައްވާ އަދި ސޯޝަލް މީޑިއާގައިވެސް މިކަން ހިއްސާކުރައްވާ ސަރުކާރާއި، ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ ލޯކަލް ގަވަރމެންޓް އޮތޯރިޓީ(އެލްޖީއޭ) ގެ ސަމާލުކަމަށްވެސް މިކަން ގެނެސްފައިވަނިކޮށް ރޭގެ ދަންވަރުގެ ވަގުތެއްގައި ސަރުކާރުން ވިލިމާލެއަށް ވަނީ ބަސްތަކެއް އަރުވާފަ އެވެ.
މިކަމާއި ގުޅިގެން މޭޔަރު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކައުންސިލްގެ ހުއްދައެއް ހޯދުމަކާ ނުލާ ގަވާއިދާ ހިލާފަށް، ވަގަށް، ރޭ ދަންވަރު ވިލިމާލެއަށް ބަސްތަކެއް އަރުވާފައިވާކަމަށެވެ. އަދި މިކަން ދިވެހި ފުލުހުންގެ ހިދުމަތާއި، އެލްޖީއޭގެ ސަމާލުކަމަށް ގެނެސްފައި ވާކަމުގައި މޭޔަރު ވިދާޅުވި އެވެ. މިއާއިއެކު މޭޔަރު ވަނީ މިއީ ސަރުކާރު ހިންގާ މައި ޕާޓީގެ އެތެރޭގެ ޕްރައިމަރީއަށް ނުފޫޒު ފޯރުވުމަށް ގާނޫނުތައް މުގުރާލުމުގެ ގޮތުން ސަރުކާރުން ކުރާ ކަމެއްގޮތުގައި ސިފަކުރައްވާފަ އެވެ.
ވިލިމާލޭގައި ބަގީގެ ހިދުމަތް އަންނަ ފެބްރުއަރީ މަހު ފެށުމަށް ތައްޔާރުވެފައިވަނިކޮށް ސަރުކާރުން މިފަދައިން އަމަލު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން އެމްޓީސީސީ އަށް ކައުންސިލާއި މަޝްވަރާނުކޮށް މި ހިދުމަތް އިއުލާނުވެސް ނުކުރެވޭނެ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު އަހުމަދު އައިފާން ވަނީ ވިދާޅުވެފަ އެވެ.
ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވީ މި ކަމަކީ ސަރުކާރުން ވަޒީރުންގެ ބާރު ކަނޑުވާލުމަށްފަހު ކުރާކަމެއް ކަމަށެވެ. އެގޮތުން ޓްރާންސްޕޯޓް މިނިސްޓަރު ވެސް އެދި ވަޑައިގަންނަވަނީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ޚިދުމަތް ދިނުންކަމަށާއި، އެކަމަށްޓަކައި މިނިސްޓަރަށް ޝުކުރު ދަންނަވާކަމަށް ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއުގެ އިތުރުން ކައުންސިލަރު ސައިފް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ސައިފް ވިދާޅުވީ އަނެއްކާވެސް މިފެނިގެންދަނީ ލާމަރުކަޒީ ނިޒާމު ހަލާކުވެގެން ދާގޮތަށް ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ދައުރު ފުޅާވެގެންދާތަން ކަމަށެވެ. އަދި މިއީ ހިތާމަ ކުރާ ކަމެއް ކަމުގައި ސައިފް ވިދާޅުވި އެވެ.
މިކަމާއި ގުޅޭގޮތުން ކައުންސިލަރު ޒަމީރު ވިދާޅުވީ ލާމަރުކަޒީ ގާނޫނަކީ ރައީސް ސޯލިހަށް ދަންނަ އެއްޗެއް ނޫން ކަމަށެވެ. އަދި މުއައްސަސާތަކުން ކުރަންޖެހޭ ކަންކަން ވެސް ރައީސް އަށް ވަނީ އޮޅިފައި ކަމަށް ޒަމީރު ވިދާޅުވި އެވެ.
ޖުމްލަގޮތެއްގައި ހުރިހާ ކައުންސިލަރުން ވެސް ފާހަގަކުރެއްވީ ކައުންސިލާއި މަޝްވަރާ ކުރުމެއްނެތި ލާމަރުކަޒީ ޤާނޫނާއި ފުށުއަރާގޮތަށް ސަރުކާރުން މިކަންކުރަން ނިންމީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ދިމާކޮށް ރައީސް ސޯލިހު މި އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށެވެ.