އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވަން ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ނިންމަވައިފި އެވެ.

އެމްޑީޕީ ތެރޭގައި އުފެދިގެން ދިޔަ ބައިބައިވުމުގެ ތެރެއިން މީގެ ކުރިން މެންބަރު ސިރާޖަކީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރެއްވި ބޭފުޅެކެވެ.

އޭނާ ވަނީ މީގެ ކުރިން ރައްޔިތުން މަޖިލީހުގެ ބައެއް ޖަލްސާތަކުގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ނަމަވެސް ނަޝީދުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ކުރިން ވެސް ސިރާޖު ބައިވެރިއެއް ނުވެ އެވެ.

ސިރާޖު ކުރި ޓްވީޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދެވޭނެ ކެންޑިޑޭޓަކާއެކު އިންތިހާބަށް ނުކުތުން މުހިންމު ކަމަށް ފެންނާތީ، ދާއިރާގެ ރައްޔިތުންގެ މަޝްވަރާއާއެކު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހަށް ތާއީދުކުރުމަށް ނިންމައިފިން ކަމަށެވެ.

ސިރާޖުގެ އިތުރުން ނަޝީދު ފެކްޝަނުގައި މީގެކުރިން ހުންނެވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް އަދި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހްމަދު (ހަސަންޓޭ) ވެސް ތާއީދު ކުރައްވަނީ ރައީސް ސޯލިހަށްކަން ވަނީ ދާދިފަހުން ހާމަ ކުރައްވާފަ އެވެ.

މި މަހުގެ 28 ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް އަންނަނީ ފޯރިގަދަ ކެމްޕޭނެއް ކުރަމުންނެވެ.

މި އިންތިހާބުގައި އެމްޑީޕީގެ 57،255 މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.