މަނީލޯންޑަރިންގެ އިތުރުން ޕޮންޒީ ސްކީމާ ގުޅުންހުރި އަމަލުތަކެއް ހިންގާ ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީގެ ފޯނު ހިފަހައްޓައިފި އެވެ.
ސަންގު ޓީވީއަށް މައުލޫމާތު ދެއްވަމުން އަލްހާން ވިދާޅުވީ ކޯޓު އަމުރަކާއެކު ކުއްލިގޮތަކަށް މިއަދު އޭނާގެ އޮފީހަށް ވަދެ ފުލުހުން ފޯނު ހިފަހައްޓާފައިވާ ކަމަށެވެ. އަދި މީގެއިތުރުން ފުލުހުން ވަނީ އެ އޮފީސް ވެސް ބަލައިފާސްކޮށްފަ އެވެ.
ފުލުހުން ތަހުގީގު ކުރަމުންދާ އެ މައްސަލައާ ގުޅިގެން މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި އޭނާ ވަނީ ފުލުހުންގެ އިދާރާއަށް ވެސް ހާޒިރުކޮށްފަ އެވެ.
ފުލުހުން އޭނާ ހާޒިރުކުރީ ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އާންމުކޮށް ހުޅުވާލައިގެން ރާއްޖޭގައި މާލީ ސެކިއުރިޓީގެ ގާނޫނާއި ގަވާއިދާއި އުސޫލުތަކާ ޚިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގުގައި ސުވާލުކޮށް ބަޔާން ނެގުމަށެވެ.
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިސްތިހާރުކޮށްގެން، ކިންގްސް ފޮރެކްސްގެ ނަމުގައި އެ ސްކީމްގައި ހިންގަނީ ކިންގްސް ކެޕިޓަލް ހޮލްޑިން ޕްރައިވެޓް ލިމިޓެޑްގެ ނަމުގަ އެވެ.