ޣައްޒާ (27 ޖެނުއަރީ) އިޒްރޭލުން ހުޅަނގުގެ އައްސޭރީގެ ސަރަހައްދަކަށް ދިން ވަރުގަދަ ހަމަލާތަކާއެކު ފަލަސްތީނުން އިޒްރޭލާއެކު ވެފައިވާ ސަލާމަތީ އެއްބަސްވުން ނިމުމަކަށް ގެނެސްފި އެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ތަރުޖަމާނަކު ވިދާޅުވީ އިޒްރޭލުން އެންމެ ފަހުން ދިން ހަމަލާތަކާއެކު ސަލާމަތީ އެއްބަސްވުން ބާތިލުވެފައިވާ ކަމަށެވެ.

"ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުން ކެނޑިނޭޅި ދެމުންދާ އަނިޔާތަކާއެކު އެއްބަސްވުމުގެ ހަގީގީ މަގްސަދު ވަނީ ގެއްލިފައި" އޭނާ ވިދާޅުވި އެވެ.

ފަލަސްތީނު ސަރުކާރުގެ އިސް އޮފިޝަލުންނާއެކު ބޭއްވި ބައްދަލުވުމަކަށްފަހު ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ އިޒްރޭލުގެ އަނިޔާވެރިކަން އިހުނަށްވުރެ ބޮޑުވެފައިވާ ކަމަށެވެ.

ހުޅަނގު އައްސޭރީގެ ޖެނިން ނަމަކަށް ކިޔާ ރަށަކަށް އިޒްރޭލުން ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު ރައްދުގައި ފަލަސްތީނުގެ ރައްޔިތުން ވަނީ އިޒްރޭލު އަސްކަރިއްޔާގެ އުޅަނދުތަކަށް ގާ އުކާފަ އެވެ.

ސަޢޫދީ ޢަރަބިއާއިން ވެސް ވަނީ އިޒްރޭލުގެ ހަމަލާތަކަކީ ލާއިންސާނީ އަމަލުތަކެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށްފަ އެވެ. -- އަލް އަރަބިއްޔާ