ފަހަކަށް އައިސް ގިނަ ނޫސްތަކުގެ ފަލަސުރުހީގައި ދެކެވޭ ވާހަކަ އަކީ މަޝްހޫރު ކޮލަމްބިއަން ލަވަކިޔުންތެރިޔާ ޝަކީރާ އާއި ސްޕެއިނުގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޖެރާޑް ޕީކޭގެ ލޯތްބަށް ނިމުން އައިސް އެކަކު އަނެކަކަށް ދޭ ހޫނު ބަހުގެ ހަމަލާތަކުގެ ވާހަކަ އެވެ.

ޕީކޭއަށް މަލާމާތްކުރުމުގެ ގޮތުން ޝަކީރާ ނެރުނު ލަވަ ޔޫޓިއުބުން އެންމެ ގިނަ މީހުން ބެލި ލަވަޔަށް ވެފައިވާއިރު، "އައުޓް އޮފް ޔުއާ ލީގު" ނަން ދީފައިވާ އެ ލަވަޔަށް 24 ގަޑިއިރު ތެރޭ 63 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައިވެ އެވެ.

މި ލަވައިން ޝަކީރާ، އޭނާގެ ކައިވެނި ރޫޅުމަށްފަހު ހިތުގައިވާ ހުރިހާ އިހުސާސްތަކެއް ބޭރުކުރި ފަދަ އެވެ. އެއްބަޔަކަށް އެ ލަވައިން އޭނާގެ ބަދަލުހިފުމުގެ ރޫހާއި ނަފްރަތު ފެނިގެންދާއިރު، އަނެއް ބަޔަކަށް ފެނިގެންދަނީ ޝަކީރާ އިހުސާސްކުރަމުންދާ ވޭނާއި ގިލަނެވެ.

މި ލަވާގައި ޝަކީރާ ބުނަނީ 22 އަހަރުގެ އަންހެން ކުއްޖަކަށް ވުރެ މާބޮޑަށް އޭނާގެ އަގުހުންނާނެ ކަމަށެވެ. ޕީކޭ އަގުބޮޑު އެއްޗެއް ދޫކޮށްލާފައި ދިޔައީ އަގެއް ނެތް އެއްޗެއް ފަހަތުންނޭ ބުނާކަން ދޭހަވެ އެވެ.

"ފެރާރީ ކާރެއް ތިޔަ ބަދަލު ކޮށްލީ ޓުވިންގޯއަކަށް. ރޮލެކްސް ގަޑިއެއް ތިޔަ ބަދަލު ކޮށްލީ ކެސިއޯއަކަށް،" ޕީކޭއާއި ޕީކޭގެ ލޯބިވެރިޔާއަށް ފާޑު ކިޔަމުން ޝަކީރާގެ ލަވައިގައި ބުނެފައިވެ އެވެ.

މިކަމަށް ޕީކޭ ރައްދުދީފައިވާއިރު، އޭނާ ވަނީ ކެސިއޯ ގަޑި ސްޕޮންސާކުރަން ފަށާފައިވާ ކަމަށް ބުނެ ޝަކީރާއަށް ރައްދުދީފަ އެވެ.

އޭނާ ބުނިގޮތުގައި ކެސިއޯ ގަޑީގެ ބްރޭންޑަށް އޭނާ އުމުރަށް ވެސް ސަޕޯޓުކުރާނެ އެވެ. އަދި ޝަކީރާގެ ލަވައިގައި ޓުވިންގޯ ކާރަށް މަލާމާތް ކުރުމުން ޕީކޭ ވަނީ އޭނާ ދުއްވާ ކާރު ވެސް ޓްވިންގޯއަށް ބަދަލުކޮށްފަ އެވެ. އޭގެ އިތުރުން ޕީކޭ ވަނީ އޭނާގެ އައު ލޯބިވެރިޔާއާ އޮތް ގުޅުން ރަސްމީކޮށް އޭނާގެ ސޯޝަލްމީޑިއާގައި އާންމުކޮށްފަ އެވެ.

ޝަކީރާގެ ބަހުގެ ހަމަލާތައްދޭ ލަވަ އޭނާ ރިލީޒްކުރީ، އެ ދެމީހުން ލޯބީގެ ގުޅުން ކެނޑުނު ނަމަވެސް ދެ މީހުންނަށް ލިބިފައިވާ ދަރިންގެ ހައްގުގައި ޝަކީރާ އަދި ޕީކޭ ވެސް ހާމަކަން ބޮޑު ގޮތެއްގައި އާންމުންގެ ތެރޭގައި އެހެން ލޯބިވެރިންނާއެކު ގައިގޯޅިވެ ނަހަދާނެ ކަމަށް ބުނެވީ ވައުދު އުވާލުމުންކަމުގައި މައުލޫމާތު ލިބެ އެވެ.

ޝަކީރާ ފަދަ ކާމިޔާބު ފަންނާނަކަށް ބޭވަފާތެރިވުމުން ގިނަ ބަޔަކު ދަނީ ޕީކޭއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ނަމަވެސް މިކަމާ ހިތާމަކުރުމުގެ ބަދަލުގައި ބަހުގެ ހަމަލާތައްދީ، ޝަކީރާއާ ކުރިމަތިލާން އުޅޭކަން އާންމުން ފާހަގަކޮށްފައިވާއިރު، ޕީކޭގެ އައު ލޯބިވެރިޔާއަށް ވެސް ގިނަ ބަޔަކު ދަނީ ބުލީކުރަމުންނެވެ.