މާލޭ ސިޓީ ކައުންސިލުން ގާނޫނާ ހިލާފަށް އަމަލުކުރަން ފަށާފައިވާ ދެ އުސޫލެއް ބާތިލް ކުރުމަށް ސްޓެލްކޯއިން ހައިކޯޓަށް މައްސަލަ ހުށައަޅައިފި އެވެ.

ސްޓެލްކޯއިން ބުނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް، ފޯރުކޮށްދޭ ޚިދުމަތްތަކުގެ އަގު ބޮޑުކުރުމުގެ ނިޔަތުގައި މާލޭ ސިޓީ ކައުންސިލުން ގާނޫނާއި ހިލާފަށް އަމަލުކުރަން ފަށާފައިވާ، ދެ އުސޫލެއް ބާޠިލުކުރުމަށް އެ ކުންފުނިން ހައިކޯޓަށް ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހުށައަޅާފައިވާ ކަމަށެވެ.

ސްޓެލްކޯ އިން ހުށަހެޅީ މާލެ ސިޓީގެ މަގުމަތީގައި މަގުބަންދު ނުކޮށް އަދި މަގުބަންދު ކޮށްގެން މަސައްކަތްކުރުމާ ބެހޭ އުސޫލާއި، މަގު ކޮނުމާއި ޖަންކްޝަން ފަދަ ތަންތަނުގެ މަތި ނަގައިގެން އާންމުކޮށް މަސައްކަތް ކުރުމުގެ އުސޫލު ބާތިލުކުރުމަށެވެ.

ސިޓީ ކައުންސިލުން އަގުތަކަށް ބަދަލު ގެނެސް ގެޒެޓުކުރި އުސޫލުގައި މާލޭގެ މަގުކޮނުމަށް ނަގަމުން އައި ފީ 154 އިންސައްތަ ވަނީ ބޮޑުކޮށްފަ އެވެ. ނަމަވެސް ސިޓީ ކައުންސިލުން ބުނެފައި ވަނީ އައު އުސޫލުގެ ދަށުން، އަސާސީ ހިދުމަތްތަކަށް މަގު ކޮނުމަށް ފީ ނަގަމުން ނުދާނެ ކަމަށެވެ.

އާންމު ހިދުމަތްތަކަށް ނަގާ ފީ ބޮޑުކުރި މައްސަލާގައި ސްޓެލްކޯއިން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވީ ކައުންސިލަށް ދައްކާ ފީތައް، 100 ޕަސެންޓަށް ވުރެ ބޮޑު ކޮށްފައިވާ ކަމަށެވެ.

ސްޓެލްކޯއިން ވަނީ ކައުންސިލުން ބޮޑުކޮށްފައިވާ އަގުތަކުގެ ތަފްސީލް މީޑިއާ ހިއްސާކޮށްފަ އެވެ.

ސިޓީ ކައުންސލުން އަލަށް ގެނައި ބަދަލުގައި ކުރިން ފީ ނަގަމުން ނުދާ ބައެއް މަސައްކަތްތަކަށް ފީ ނަގަން ފެށުން ވެސް ހިމެނެ އެވެ. އެގޮތުން ޕޭމަންޓް ކޮނެގެން ކުރާ މަސައްކަތަށް ފޫޓަކަށް 25 ރުފިޔާ، އަދި މަގުން ގައު ނަގައިގެން ކުރާ މަސައްކަތަށް ފޫޓާކަށް 100 ރުފިޔާ ނެގުމަށް ވަނީ ހިމަނައިފަ އެވެ. އަދި ޖަންކްޝަނަކާ ގުޅޭ މަސައްކަތެއް ކުރާނަމަ ކޮންނަ ކޮންމެ ފޫޓަކަށް 300 ރުފިޔާ ދައްކަން ޖެހެ އެވެ.

މީގެ އިތުރުން މަގުގައި ސައިން ބޯޑު ބެހެއްޓުމަށް ކުރިން ދައްކަމުން އައި 60 ރުފިޔާ، 200 ރުފިޔާއަށް ވަނީ ބޮޑުކޮށްފަ އެވެ. އަދި މަގު ބަންދުކޮށްގެން ކުރާ މަސައްކަތަށް ކުރިން ފޫޓަކަށް 150 ރުފިޔާ ނެގި ނަމަވެސް މި އަދަދު ވަނީ 300 އަށް ބޮޑުކޮށްފަ އެވެ.