ދުބާއީ (03 ފެބްރުއަރީ) - ޔޫއޭއީގެ އަބޫދާބީއިން ފުރައިގެން އިންޑިއާގެ ކެރެލާ ސްޓޭޓަށް ދަތުރު ކުރަމުން ދިޔަ އެއާ އިންޑިއާ އެކްސްޕްރެސް ފްލައިޓެއްގެ އިންޖީނުގައި ރޯވެ އިމަޖެންސީގައި ޖައްސައިފި އެވެ.

އިންޑިއާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ބުނީ އަބޫދާބީއިން ފުރައިގެން ކެރެލާގެ ކޮޒިކޮޑެއަށް ދަތުރު ކުރަމުން ދިޔަ އެއާ އިންޑިއާ އެކްސްޕްރެސް ބޮއެންގް 800-737 މަރުކާގެ މަތިންދާބޯޓު ވައިގެ ތެރެއިން ދަތުރު ކުރަމުން ދަނިކޮށް ޕްރައިމަރީ އިންޖީނުގައި ރޯވެފައިވާ ކަމަށެވެ.

"ބިމަށް ވުރެ 1000 ފޫޓު މަތިން ދަތުރު ކުރަމުން ދަނިކޮށް އިންޖީނުގައި ރޯވުމާއެކު މަތިންދާ ބޯޓު ވަނީ އަނބުރާ އަބޫދާބީއަށް ޖައްސާފައި،" އެ އޮތޯރިޓީ އިން ބުނެފައިވެ އެވެ.

މި ހާދިސާގައި ބޯޓުން ދަތުރުކުރި 184 ފަސިންޖަރުން ވެސް ރައްކާތެރި ކަމާއެކު އަބޫދާބީއަށް ގެންދެވިފައިވާ ކަމަށާއި އަލިފާން ރޯވީ ބޯޓަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް އެއާ އިންޑިއާ އެކްސްޕްރެސްއިން ބުންޏެވެ.

މި ހާދިސާ ހިނގާފައި މިވަނީ ފާއިތުވެ ދިޔަ އަހަރު އިންޑިއާގެ ޓްރިވެންޑްރަމްއަށް ދަތުރު ކުރަމުން ދިޔަ ހަމަ އެއާލައިންގެ މަތިންދާބޯޓަކަށް ޓެކްނިކަލް މައްސަލައެއް ދިމާވެ އެމަޖެންސީގައި އޮމާންގެ މަސްކަޓަށް ޖައްސާފައި ވަނިކޮށެވެ.

އެއާ އިންޑިއާ އެކްސްޕްރެސްއަކީ އިންޑިއާގެ ގައުމީ އެއާލައިން އެއާ އިންޑިއާގެ ސަބްސިޑީގެ ދަށުން ހިންގާ ބަޖެޓް އެއާލައިނެކެވެ. -- އަލް އަރަބިއްޔާ