އއ. މަތިވެރިން ގެއްލުނު ހަސަން އަލީ ހޯދުމުގެ މަސައްކަތް އިތުރަށް ފުޅާކޮށް، ތިން ރަށެއްގެ ޑައިވަރުން ހަރަކާތްތެރިވާން ފަށައިފި އެވެ.

މަތިވެރީގެ ކައުންސިލުން ބުނިގޮތުގައި ވީނުވީ ތަނެއް ނޭނގި ހަސަންފުޅު ގެއްލިގެން ހޯދަން ފެށީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގަ އެވެ.

ހަސަންފުޅު އެންމެފަހުން ފެނުނު ކަމަށް ވަނީ އެރޭގެ މަޣުރިބް ނަމާދުން ފޭބި ވަގުތު ކަމަށާއި، އޭނާ އަކީ ދާ އަޅައިގެން މަސް ހިފަން އާންމުކޮށް ގޮސް އުޅޭ މީހެއް ކަމަށްވެ އެވެ.

މަތިވެރީ ކައުންސިލްގެ މެމްބަރު ހުސެން ނިހާން ވިދާޅުވި ގޮތުގައި، ހަސަންފުޅު ހޯދުމަށް އެރަށް ކައިރީގައި އޮންނަ ފިނޮޅާއި އެއްކޮށް ވަނީ ބަލާފަ އެވެ. ނަމަވެސް އެ މަސައްކަތަށް ކާމިޔާބެއް ނުލިބުމުން ރަށް ވަށައިގެން މުދުގެ އެކި ސަރަހައްދުތައް ބަލަމުން ގެންދާކަމަށް އޭނާ ވިދާޅުވި އެވެ.

ނިހާން އިތުރަށް ވިދާޅުވިގޮތުގައި، ހަސަން ހޯދުމުގެ މަސައްކަތް މަތިވެރި އާއި ކައިރީގައި އޮންނަ އުކުޅަހާއި ބޮޑުފޮޅުދޫގެ ޑައިވަރުން ގުޅިގެން ދަނީ ކުރަމުންނެވެ. އަދި އެ މަސައްކަތް ކުރުމަށް ސިފައިންގެ އިތުރުން ވިއްސަކަށް ޑައިވަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

އެރަށު ކައުންސިލުން ބުނީ އޭނާ ހޯދުމުގެ މަސައްކަތަށް މިހާތަނަށް އެއްވެސް ކާމިޔާބެއް ލިބިފައި ނުވާ ކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ކެނޑިނޭޅި ކުރަމުންގެންދާ ކަމަށް އެ ކައުންސިލުން ބުނެފައިވެ އެވެ.