އިދިކޮޅުގެ އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބޭނީ ހަމައެކަނި އެ ކޯލިޝަންގެ ލީޑަރުކަމަށްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު އަހުމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސައީދު މިފަދައިން ވިދާޅުވީ، ރޭ އެ ޕާޓީން އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ޕާޓީގެ ރައީސަކީ ޔާމީންކަން ފާހަގަކުރައްވައި ސައީދު ވަނީ އެ ޕާޓީގެ ރިޔާސީ ޓިކެޓު ޔާމީން ނޫން އިތުރު ފަރާތަކަށް ނުލިބޭނެކަމަށް ވިދާޅުވެފަ އެވެ. އަދި ރައީސް ޔާމީން މިނިވަން ކުރެއްވުމަށް ކުރާ މަސައްކަތުގައި އޭނާ ހުރީ އެ ކޯލިޝަން ހިންގުމާ މި ވަގުތު ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ފަހަތުގައި ކަމަށް ސައީދު ވިދާޅުވި އެވެ.
"މި ޕާޓީގެ ރައީސަކީ ރައީސް ޔާމީން. މި ޕާޓީގެ ޓިކެޓެއް އެއްވެސް ފަރާތަކަށް. ދޫންޏަކަށް، ބާޒެއް، އެހެން އެއްޗެއް ކިޔާނެ ކަމެއް ނެތް ނުލިބޭނެ. އަޅުގަނޑުމެންގެ ޓިކެޓު ލިބޭނީ ރައީސް ޔާމީނަށް،" ސައީދު ވިދާޅުވި އެވެ.
ޔާމީން 11 އަހަރަށް ޖަލަށް ލުމާ ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ދަނީ ކޮންމެ ރެއަކުހެން މުޒާހަރާކުރަމުންނެވެ. ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުން އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލު ކުރައްވައި އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވެ ޔާމީން 11 އަހަރަށް ޖަލަށް ލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު 25ގަ އެވެ.