ބިން ހެލުމުގައި ހާލުގައި ޖެހިފައިވާ ސީރިޔާ އަދި ތުރުކީއަށް ރާއްޖޭގެ ފަރާތުން އެއް މިލިއަން މަސް ދަޅު ހަދިޔާކުރަން ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ދެ ގައުމުގެ ރައީސުންނަށް ގުޅުއްވައި ތައުޒިޔާ ވިދާޅުވެފައިވާ ކަމަށެވެ. އަދި ލިބުނު ގެއްލުމުން އަރައިގަތުމަށް ދިވެހިންގެ ފަރާތުން، ކޮންމެ ގައުމަކަށް 500،000 މަސް ދަޅާއެކު ޖުމުލަ އެއް މިލިއަން މަސް ދަޅު ހަދިޔާކުރަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

ތުރުކީގެ ދެކުނުގައިވާ ގަޒިއެންޓެޕް ސަރަހައްދަށް ރިކްޓަ މިންގަނޑުން 7.8 ގެ ބާރުމިނުގައި އައި ބިންހެލުމުގެ އަސަރު ސޫރިޔާގެ އިރުމައްޗަށް ވެސް ކުރި އެވެ. ވެއްޓުނު އިމާރާތްތަކުގެ އަދަދު 60,000 އަށް ވުރެ އިތުރެވެ. މިމަހުގެ ހަވަނަ ދުވަހުގެ ދަންވަރުގެ ވަގުތުގައި ބިންހެލުން އައިސްފައި ވަނީ އެންމެން އަރާމު ނިދީގައި ތިއްބަ އެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބައެއް ރަށްތައް މުޅިންހެން ވަނީ ސުންނާފަތިވެފަ އެވެ.

މި ހިތާމަވެރި ހާދިސާގައި އެތައް ބަޔަކު މަރުވެ، އެތައް ސަތޭކަ އާއިލާއެއް ވަނީ ހާލުގައި ޖެހިފަ އެވެ.

ރިކްޓަ މިންގަނޑުން 7.8ގެ ބާރުމިނުގައި އައި ބިންހެލުމުގެ ގަޑިއިރުތަކެއް ފަހުން، 7.5ގެ ބާރުމިނުގައި އިތުރު ބިންހެލުމެއް ވެސް އަ އެވެ. ތުރުކީން ބުނީ އެ ގައުމުގައި މަރުވެފައިވާ މީހުންގެ އަދަދު 19,000 އަށް ވުރެ ގިނަ ކަމަށެވެ. އަދި، ސޫރިޔާގައި މަރުވި މީހުންގެ އަދަދު ވަނީ 4،000 އަށްވުރެ އިތުރުވެފަ އެވެ. މިއީ، 1999 ވަނަ އަހަރު ތުރުކީވިލާތަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދަށް ވުރެ އިތުރު އަދަދެކެވެ.