ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ބޭކާރު ކުންފުނިތައް އުވާލަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
މެންބަރު އުޝާމް މިފަދައިން ވިދާޅުވީ އަމީނީ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން އެމަގުގައި ތާރު އެޅުމުގެ މަސައްކަތް އާރުޑީސީއާ ނުވެގެން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރަމުން އަންނާތީ އެކަމަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގައި އެވެ.
އެމްޓީސީސީއާ އަމީނީ މަގުގައި ތާރު އެޅުމަށް ހަވާލުކުރުމާއެކު އެކުންފުނިން މިހާރު ތާރު އެޅުމަށް ކުރަން ޖެހޭ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ތިން ދުވަސް ތެރޭގައި އެމަގުގައި މިހާރު ނިމިފައިވާ ސަރަހައްދުގައި ތާރު އަޅާ ނިމޭނެ ކަމަށްވެސް އެމްޓީސީސީއިން ވަނީ ބުނެފަ އެވެ.
މިކަމަށް ފާޑު ވިދާޅުވެ މެންބަރު އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަމީނީ މަގުގެ މަސައްކަތް ނުވެ އެމްޓީސީސީއާއި ހަވާލު ކުރަން ޖެހުނު ހިސާބުން އާރުޑީސީ އުވާލަން ޖެހޭކަން ހާމަވާކަމަށެވެ. ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް މިފަދަ ބޭކާރު ކުންފުނިތައް އުވާލުމަކީ ރައްޔިތުންނަށްވެސް އެކަމުން ބޮޑު ފައިދާއެއް ކުރާނެ ކަމެއްކަމަށް އުޝާމް ވިދާޅުވި އެވެ.
އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެދަށުން 1.79 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރުއަޅަންޖެހެ އެވެ. މި މަސައްކަތް އާރުޑީސީން ކުރަމުންދަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ސެގްމެންޓް 4ގައި ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތްތައްކަމަށް އާރުޑީސީން ވަނީ ހާމަކުރައްވާފަ އެވެ. އަދި އަމާޒަކީ ސެޕްޓެމްބަރުމަހަށް އަމީނީ މަގުގައި ތާރުއަޅާ އެއްކޮށް ނިންމާލުމެވެ.
މާލެ ސްޓްރީޓް ސްކޭޕިންގް ޕްރޮޖެކްޓުގެ ދަށުން އަމީނީ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ޕްލޭނިންގ މިނިސްޓްރީން ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން، އާރު.ޑީ.ސީއާ ޙަވާލުކޮށްފައިވަނީ 3 ޖުލައި 2022ގައެވެ. މި މަސައްކަތަށް 84.4 މިލިޔަން ރުފިޔާ ޚަރަދުވެ އެވެ.