ބޮލީވުޑްގެ މަޝްހޫރު ބަތަލު ޝާހުރުކް ޚާން އާއި އޭނާގެ އަންހެނުން ގޯރީ ޚާންއާ ދެމީހުންގެ ލޯބީގެ ވާހަކަތަކަކީ އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި ވަރަށް ގިނައިން ދެކެވޭ ވާހަކަތަކެކެވެ.

އެ ވާހަކަތައް ޚުދު ޝާހު އަމިއްލައަށް ވެސް މީޑިއާތަކާއި ހިއްސާކޮށްފައިވާއިރު، އޭނާ ވަނީ ގޯރީއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނުއިރު ދިމާވި އެކި ދަތި އުނދަގޫ ކަންތައްތަކުގެ ވާހަކަތައް އާންމުންނާ ހިއްސާކޮށްފަ އެވެ.

ދާދި ފަހުން ފޭނަކު ޝާހުގެ ލޯބީގެ ހަޔާތާ ގުޅުވައިގެން ސުވާލުކޮށްފައިވާއިރު، އަލަށް ލޯބިވެރިންގެ ދުވަހު ޝާހު، ގޯރީއަށް ދިނީ ކޯއްޗެއްތޯ އޭނާ އަހާފައިވެ އެވެ.

މި ސުވާލަށް ޝާހު ރައްދުދީފައިވާއިރު، އޭނާ ބުނީ، ގޯރީއަށް އަލަށް ލޯބިވެރިންގެ ދުވަހާއި ގުޅުވައިގެން ދިނީ ފިޔާތޮށި ކުލައިގެ ކަންފަތުގައިލާ އެއްޗެއް ކަމަށެވެ. އެއީ އެހާ އަގުބޮޑު އެއްޗެއް ނޫން ކަމުގައިވީ ނަމަވެސް ޝާހު އެ ހަދިޔާ ގޯރީއަށް ދިނީ ވަރަށް ލޯބިން ކަމަށް އޭނާ ބުނެފައިވެ އެވެ.

ޝާހު އާއި ގޯރީ ކައިވެނި ކޮށްފައިވަނީ 25 އޮކްޓޫބަރު 1991 ވަނަ އަހަރުގަ އެވެ. އަދި އޭގެ ފަހުން އެދެމީހުންނަށް ވަނީ ދެ ފިރިހެން ކުދިންނާއި އެއް އަންހެން ކުއްޖަކު ލިބިފަ އެވެ.