ބޮލީވުޑްގެ މަޝްހޫރު ތަރި އުރްވަޝީ ރައުތެލާއަށް ރިއަލިޓީ ތަރި އަދި "ކައިލީ ކޮސްމެޓިކްސް"ގެ ވެރިޔާ ކައިލީ ޖެނާގެ ނަމުން ނުގޮވުމަށް އުރްވަޝީ އާންމުން ގާތު އެދެފި އެވެ.

އުރްވަޝީ އޭނާގެ އިންސްޓަގްރާމްގައި އާންމުކުރި ސްޓޯރީއެއްގައި ކަޅު ހެދުމެއް ލައިގެން ހުއްޓައި ފެނެ އެވެ. އަދި އެ ފޮޓޯގައި، އޭނާއާއި ކައިލީއާ ވައްތަރުކުރުން ހުއްޓާލުމަށާއި، ކައިލީގެ ނަމުން ނުގޮވުމަށް އާންމުންގެ ކިބައިން އެދިފައިވެ އެވެ.

އުރްވަޝީ މިހެން ބުނި ނަމަވެސް އޭނާއާއި ކައިލީއާ އެއްވެސް ގޮތަކުން ވައްތަރު ކަމެއް ނުވާކަން ފާހަގަކޮށް އާންމުން ދަނީ އުރްވަޝީއަށް މަލާމާތް ކުރަމުންނެވެ. އަދި އުރްވަޝީ މަސައްކަތް ކުރަނީ ކައިލީއަށް ވާން ކަމަށް ވެސް އާންމުން ތުހުމަތުކޮށްފައިވެ އެވެ.

މިފަހުން ބޮލީވުޑް ފިލްމު އިންޑަސްޓްރީގައި އެންމެ ބޮޑަށް ވާހަކަދެކެވުނު އެއް ތަރިއެއްގެ ގޮތުގައި އުރްވަޝީ ފާހަގަކޮށްލެވެ އެވެ.

އޭނާއާ ގުޅިގެން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ވެސް ފާޑުކިޔާފައިވާއިރު، އާންމުން ފާޑުކިޔާފައި ވަނީ އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިއެއް ކަމަށްވާ ރިޝަބް ޕަންތްއަށް އުރްވަޝީ ފާރަލަމުން ގެންދާކަމަށް ތުހުމަތު ކުރަމުންނެވެ.

އެހެންނަމަވެސް އާންމުން ކުރާ ތުހުމަތުތައް ދޮގުކޮށް އުރްވަޝީ ވަނީ، އޭނާއަށް ސޯޝަލް މީޑިއާގައި އާންމުން ބުލީކުރާ ކަމަށް ބުނެފަ އެވެ.