އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް ގިނަ އިސްލާހުތަކެއް ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހުތައް ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު އެވެ.
މި އިސްލާހު ތަކުގެ ތެރޭގައި ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ގާނޫނުގައި ދީފައިވާ މުއްދަތު އިތުރުކުރުން ވެސް ހިމެނެ އެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތުން، ރިޔާސީ އިންތިހާބަށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރުމާ އެކު އެ އިންތިހާބަށް ކުރިމަތިލުމަށް ގިނަވެގެން 10 ދުވަހު އެ ކޮމިޝަނުން ދޭން ވާނެ އެވެ. ނަމަވެސް ގާނޫނަށް އިސްލާހު ހުށަހަޅާފައި ވަނީ، އެ މުއްދަތު 14 ދުވަހަށް އިތުރު ކުރުމަށެވެ.
މީގެ އިތުރުންގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ރަސްމީ އިންތިހާބީ އޭޖެންޓް މަރުވުުން، އިސްތިއުފާ ދިނުން ނުވަތަ ވަކިކުރުމުން އެކަން އިލެކްޝަންސް ކޮމިޝަނަށް އަންގަންޖެހޭ މުއްދަތަށް ބަދަލު ގެނައުން ހިމެނެ އެވެ.
އެގޮތުން ރަސްމީ އިންތިހާބީ އޭޖެންޓް މަރުވުން، އިސްތިއުފާ ދިނުން ނުވަތަ ވަކިވެއްޖެ ނަމަ ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި އެކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމަށް ވަނީ އިސްލާހު ހުށަހަޅާފަ އެވެ.
ވޯޓުނަގާ ދުވަހު ވޯޓުލުމުގެ ކަންތައްތައް މޮނިޓާކުރުމަށް ވޯޓުލާ ސަރަހައްދުތަކާއި ވޯޓު ގުނާ ތަންތަނުގައި ހަރަކާތްތެރިވެވޭނީ އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދޭ، ރަޖިސްޓްރީކޮށްފައިވާ ނޫސްވެރިންނަށް ހެދުމަށް ވަނީ ހުށަހަޅާފަ އެވެ. އަދި ވޯޓުލާ މަރުކަޒުތަކުން ވޯޓާބެހޭ ތަކެތި މާލޭގައި ހުންނަ ވޯޓާބެހޭ މައި މަރުކަޒަށް ފޮނުވާނީ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ މަދުވެގެން ތިން މީހުންގެ ހަވާލުގައި ކަމަށް އޮތް އޮތުން ދެ މީހުންނަށް ބަދަލުކުރަން ހުށަހަޅާފައިވެ އެވެ.
އަންނަ ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ތާރީހަކީ، 23 ޖުލައި އިން 13 އޮގަސްޓަށެވެ. އެއީ، ބަންދު ދުވަސްތައް ނުހިމަނާ 12 ދުވަހުގެ މުއްދަތެކެވެ. ގާނޫނަށް ގެންނަ އިސްލާހު ފާސްވެއްޖެ ނަމަ، މި މުއްދަތު އިތުރު ވާނެ އެވެ.