ނޫމަޑި މައްސަލާގައި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދޮގު ބަޔާން ދިނުމުގެ ދައުވާގެ ޝަރީއަތަށް ހުރިހާ ހެކިވެރިންގެ ހެކިބަސް ނަގައިފި އެވެ.

މުއިއްޒުގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން އޭޖީ ނަމަކަށް ކިޔާ ކުންފުންޏަކުން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއަކަށްވެ ދޮގު ބަޔާން ދީފައިވާ ކަމަށް ބުނެ އެވެ.

މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ހުށައެޅި ފަސް ހެކިވެރިއެއްގެ ހެކިބަސް ނަގާފައިވެއެވެ. ހެކިވެރިން ހުށަހަޅަފައި ވަނީ ނޫމަޑިއަށް ޕްރޮޖެކްޓު ނިންމުމުން ލިބެން އޮތް ޅ. ދިއްފުށިމާދޫ އަތުލުމަށް އޭރުގެ އިކޮނޮމިކް ކައުންސިލުން ނިންމި ޖަލްސާގެ ޔައުމިއްޔާގެ ސައްހަކަން ސާބިތުކުރުމަށާއި އެ ޕްރޮޖެކްޓުގެ ތެރެއިން ކަން ހިނގާފައިވާ ގޮތް ސާފުކުރުމަށެވެ.

ދައުލަތުން ހެކިންގެ ގޮތުގައި ހުށަހަޅާފައި ވަނީ ރައީސް އޮފީހުގެ އަންޑަސެކްރެޓަރީ ޑރ. މޫސާ ފަތުހީ އާއި ޕްލޭނިން މިނިސްޓްރީގެ މިހާރުގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އާޒިމް އާއި ރައީސް އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރ ހަދީޖާ ފަރީމާއާއި ރައީސް އޮފީހުގެ ޑިރެކްޓަރު ހުޝާމް ވަހީދުގެ އިތުރުން ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަރު އިބްރާހީމް ނިޒާމް ގެ ހެކިބަހެވެ.

ނޫމަޑިއަށް ޕްރޮޖެކްޓު ނިންމުމުން ލިބެން އޮތް ޅ. ދިއްފުށިމާދޫ އަތުލުމަށް އޭރުގެ އިކޮނޮމިކް ކައުންސިލުން ނިންމި ޖަލްސާގެ ޔައުމިއްޔާގެ ސައްހަކަން ސާބިތުކުރުމާ ގުޅޭގޮތުން ހުރިހާ ހެކިވެރިންވެސް ވަނީ އެއީ ސައްހަ ޔައުމިއްޔާއެއް ކަމަށް ގަބޫލުކުރާ ކަމަށް ބުނެފަ އެވެ.

އަދި އެ ޔައުމިއްޔާގައި އެއްވެސް ބޭފުޅަކު ސޮއިކޮށްފައި ނުވާކަން ފާހަގަ ކުރަމުން ހެކިވެރިން ބުނީ އިކޮނޮމިކް ކައުންސިލުގެ ހުރިހާ ޔައުމިއްޔާއެއްގައި ބައިވެރިން އޭރު ސޮއިކުރަމުން ނުދާ ކަމަށެވެ.

މުއިއްޒުއަކީ އޭރުގެ އިކޮނޮމިކް ކައުންސިލުގައި ހިމެނި ވަޑައިގަންނަވާ ބޭފުޅެއް ނޫން ނަމަވެސް މުއިއްޒު އޭރު ބޭއްވި ޖަލްސާ ތަކުގައި ބައިވެރިވެވަޑައިގަތީ ހައުސިން މަޝްރޫއަކާ ބެހޭ ބައްދަލުވުމަކަށްވާތީ އެކަމާ ގުޅޭ މައުލޫމާތު ދެއްވުމަށް ހެކިވެރިން ބުންޏެވެ. އަދި ޖަލްސާ ތަކުގައި ނިންމި ނިންމުންތަކުގައި މުއިއްޒުގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށްވެސް ހެކިވެރިން ބުންޏެވެ.

މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ މިމަހުގެ 27 ވަނަ ދުވަހުއެވެ. އަދި އެ އަޑުއެހުމުގައި ދިފާއީ ހެކިންގެ ހެކިބަސް ނަގާނެއެވެ. މުއިއްޒުގެ ފަރާތުން ގިނަ އަދަދެއްގެ ދިފާއީ ހެކިން ހުށަހަޅާފައި ވެއެވެ.

މިމައްސަލާގައި ދައުލަތުން ހެކީގެ ގޮތުގައި ފަސް މީހަކު ހުށަހެޅިއެވެ. އަދި ކިތާބީ ހެކި ވެސް ހުށަހެޅި އެވެ.