ނިއުޔޯކްގެ އުމުރުން ދުވަސްވީ މީހުން ބަލާ މަރުކަޒެއްގައި އުޅެމުން އަންހެނަކު މަރުވި ކަމަށް ނިންމައި ޖަނާޒާ އިންތިޒާމު ކުރަމުން ދަނިކޮށް އޭނާ މަރުނުވާ ކަން އެނގިއްޖެ އެވެ.

އުމުރުން 82 އަހަރުގެ އެ އަންހެން މީހާ ނޭވާލާކަން އެނގިފައިވަނީ މަރުވި ކަމަށް ނިންމައި ޖަނާޒާގެއަށް ފޮނުވިތާ ތިން ގަޑިއިރު ފަހުންނެވެ.

މިކަން އެނގުމާއެކު އެމީހާ ވަނީ ކައިރީގައި ހުރި ހޮސްޕިޓަލަކަށް ގެންދެވިފަ އެވެ. އެހެން ނަމަވެސް އޭނާގެ ސިއްހީ ހާލަތު މީޑިއާއަށް ހާމަކޮށްފައެއް ނުވެ އެވެ.

އެމެރިކާގެ ކަމާބެހޭ އިދާރާތަކުން މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުން ދާއިރު މިކަމުގައި އިހުމާލުވާ ފަރާތެއް ވާނަމަ ފިޔަވަޅު އެޅޭނެ ކަމަށް އެ އިދާރާތަކުން ބުނެފައިވެ އެވެ.

މި ހާދިސާ ހިނގާފައި މިވަނީ ހަމަ މިފަދަ ހާލަތެއްގައި އެގައުމުގެ އުމުރުން ދުވަސްވީ މީހުން ބަލާ އެހެން މަރުކަޒެއް 10،000 ޑޮލަރުން ޖޫރިމަނާ ކޮށްފައި ވަނިކޮށެވެ.

އުމުރުން 66 އަހަރުގެ އެ މީހާ މަރުވި ކަމަށް ނިންމައި ބޮޑީ ބޭގެއްގައި ބާއްވާފައި އޮއްވައި މަރުނުވާކަން އެނގިގެން ހޮސްޕިޓަލަށް ވަނީ ގެންދެވިފަ އެވެ. އެހެން ނަމަވެސް އޭގެ ދެ ދުވަސް ފަހުން އެ މީހާ ވަނީ މަރުވެފަ އެވެ.