ފެބްރުއަރީ 7 ގެ ބަޣާވާތުގައި ބައިވެރިވި ފުލުހުން ވަކިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގުކުރެއްވުމާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވާފަ އެވެ. މި ގާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ޤާނޫނު ތަސްދީގުކޮށް، ގެޒެޓުގައި ޝާއިއުކުރައްވާތާ ތިން މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ. މި ގާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ފުލުހުންގެ ގާނޫނު (2008/5) އުވުނީ އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ ދަށުން ޕޮލިސް ބޯޑެއް އެކުލަވާލަންޖެހެ އެވެ. އެގޮތުން ރައީސް އައްޔަން ކުރައްވަން ޖެހޭ ޕޮލިސް ބޯޑު އެކުލެވިގެން ވަނީ ހަތް މެންބަރުންގެ މައްޗަށެވެ. އެއީ ރައީސް އައްޔަން ކުރައްވާ ދެ މެންބަރުން، ފަންނީ ދާއިރާއިން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުން، އާންމުކޮށް ހުޅުވާލެވިގެން ހޮވާ އާންމު ރައްޔިތުންގެ ތެރެއިން ދެ މެންބަރުންނެވެ. އާންމު ދެ މެންބަރުން އެ ބޯޑަށް ހޮވަނީ މަޖިލީހުން އިއުލާންކުރުމުން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަޖިލީހުން ނަންތައް ދިރާސާކޮށް މަޖިލީހުން ފާސްކުރާ ދެ ނަމެކެވެ.
ޕޮލިސް ބޯޑް އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ފިޔަވާ ސުޕްރިޓެންޑެންޓުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބޯޑުން ބަލައި އެ ފަރާތްތައް މަގާމުގައި ބޭތިއްބުމާ މެދު އެ ބޯޑުން ގޮތެއް ނިންމަން ޖެހެ އެވެ.
މިބިލުގެ ބަހުސްތައް މަޖިލީހުގައި ކުރިއަށްދިޔައިރު މިއީ ފެބްރުއަރީ 7 ގެ ބަޣާވާތުގައި ބައިވެރިވި ފުލުހުން މަޤާމުން ވަކިކުރުމަށް ހިމަނާފައިވާ ބައެއްކަމަށް ގިނަފަރާތްތަކުން ދިޔައީ ބުނަމުންނެވެ.
ޕޮލިސް ބޯޑުން މައްސަލަ ބަލާ ނިންމާ އެކުލަވާލާ ރިޕޯޓުގައި އެ އޮފިސަރެއްގެ އާމްދަނީ އާއި ދަރަނީގެ ތަފްސީލްތަކާއި އަނބިންނާއި ދަރިންގެ މާލީ ބަޔާނުން ކަމެއް ފާހަގަ ވާނަމަ އެކަމާއި އާދަޔާ ހިލާފު ކުރިއެރުންތަކެއް ލިބިފައިވާ ނަމަ އެކަންކަމާ އަދި މީގެ ކުރިން މައްސަލައެއްގައި ފިޔަވަޅެއް އަޅާފައިވާ ނަމަ އެކަން އަދި އިތުރު ކޮމިޝަނަކުން އެ އޮފިސަރަކާ މެދު މައްސަލައެއް ބަލަމުން ދާނަމަ އެކަމާ ގުޅޭ މައުލޫމާތު ހިމަނަން ޖެހެ އެވެ.
ޕޮލިސް ބޯޑުން މައްސަލަތައް ބަލާނީ ލާއިންސާނީ އަމަލުތަކާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައިވާ އޮފިސަރުންގެ މައްސަލަތަކެވެ. ބިލު ތަސްދީގު ކުރާތާ 14 ދުވަހުގެ ތެރޭގައި ބިލުގައި ބަޔާންކޮށްފައިވާ ބޯޑު އެކުލަވާލަންޖެހޭނެ ކަމަށް ވެސް މި ގާނޫނުގައިވެ އެވެ.
ދިވެހި ފުލުހުންނަށް ހަތިޔާރު ގެންގުޅުމުގެ ބާރު ދިނުމަށް ވެސް މި ގާނޫނުން ފުރުސަތު ލިބެ އެވެ. އެގޮތުން ފުލުހުންނާއި މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށް ވަގުތާ ޙާލަތަށް ބަލާ، ފުލުހުން ގެންގުޅެން ޖެހޭނެ ކަމަށް ހޯމް މިނިސްޓަރުގެ ހުއްދައާއި އެކު ކޮމިޝަނާ އޮފް ޕޮލިސް ކަނޑައަޅާ ހަތިޔާރާއި އާލަތްތައް ގެންގުޅުމުގެ ބާރު ފުލުހުންނަށް ލިބިދޭ ކަމަށް މިބިލުގައި ވެ އެވެ. އަދި ހަތިޔާރުގެ ގޮތުގައި ބެލެވޭނީ ފަޔަރ އާމްސްއާއި އެކްސްޕްލޯސިވްސްގެ ތެރޭގައި ނުހިމެނޭ ފަރުދެއް ނުވަތަ ބަޔަކާ ދެކޮޅަށް ބޭނުންކުރެވޭ ނުވަތަ ބޭނުން ކުރަންޖެހޭ ޙާލަތްތަކުގައި މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބުމުގެ ފުރުސަތު ކުޑަ ލީތަލް ހަތިޔާރު ކަމަށް ވެސް ކަނޑައަޅާފައިވެ އެވެ.
ހަމައެއާއެކު ފުލުހުންގެ ތެރޭގައި ބަޣާވާތެއް ކޮށްފިނަމަ ޢަމަލު ކުރާނެ ގޮތްތައްވެސް ހިމެނެ އެވެ. އެގޮތުން ބަޣާވާތެއްކުރަން އުޅެފިނަމަ ނުވަތަ އެފަދަ ކަމެއް ރާވައިފިނަމަ އަދި އެފަދަ ކަމެއް އެނގި އިސްވެރިއަކަށް ނާންގާ ހުންނަ ކޮންމެ ފުލުހެއް ވެސް ކުށްވެރިވާނެ ކަމަށް ކަނޑައަޅާފައިވެ އެވެ.