މަސްވެރިން އަނެއްކާވެސް ބޮޑު މުޒާހަރާއަކަށް ތައްޔާރު ވަމުންދާ ކަމަށް މަސްވެރިން ބުނެފި އެވެ.

"ހުރިހާ" އާ ވާހަކަދައްކަމުން މަސްވެރިއަކު ބުނީ މިފަހަރުގެ މުޒާހަރާގައި ރާއްޖޭގެ ދެކުނާއި އުތުރުން އަދި މެދު ރާއްޖެ ތެރެއިން ވެސް ބައިވެރިވާނެ ކަމަށެވެ.

"އަޅުގަނޑުމެން މިކުރަނީ ސިޔާސީ ކަމެއްނޫން. މިއީ މަސްވެރިންގެ މިއަދުގެ ޙާލު. އެހެންވެ ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދޭތީ އެވާހަކަ މިދައްކަނީ. މިކަމުގައި ސަރުކާރަށް އަޑުއިއްވޭތޯ މަސައްކަތް މިކުރަނީ. ނީވޭ ކަމަށްވާނަމަ އިވޭ ގޮތަކަށްވެސް އެކަން ކުރަން އެބަޖެހޭ. އަޅުގަނޑުމެން މިދަނީ ބޮޑު އެއްޗަކަށް ތައްޔާރުވަމުން،" މަސްވެރިއަކު ބުންޏެވެ.

ދާދިފަހުން ފެލިވަރުގެ މުޒާހަރާގައިވެސް ބައިވެރިވި އިބްރާހީމް ބުނީ އެދުވަހުގެ މުޒާހަރާއަށްފަހު އައިސް ލިބުމަށް ކޮންމެ ވެސް ވަރެއްގެ ލުޔެއް ލިބިފައިވާ ކަމަށާއި ނަމަވެސް މަސްކިރޭނެ ފަސޭހަގޮތެއް އަދިވެސް ނެތް ކަމަށެވެ. އަންނަ މަހުގެ ތެރޭގައި މައްސަލަތަކަށް ޙައްލު އަންނާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނަމުންދާ ކަމަށާއި، މަސްވެރިން މިވަގުތު ބަލަމުންދަނީ އެކަންކަން ކުރެވެނީ ކިހާތާކުތޯ ކަމަށް ވެސް އިބްރާހީމް ބުންޏެވެ.

"އަޅުގަނޑުމެން ވަރަށް ގާތުން ބަލަމުން މިދަނީ. ހަމައެއާއެކު ސަރުކާރަށް އަޑު އިއްވުމަށްވެސް ތައްޔާރުވަމުން މިދަނީ. ސަރުކާރަށް ނުވަންޏާ އަމިއްލަ ފަރާތްތަކާވެސް ޙަވާލުކުރަން އެބަޖެހޭ. ރޭގައި ރައީސް ވިދާޅުވި މިވަގުތަކު އަމިއްލަ ފަރާތްތަކަށް ސިނާއަތު ދޫކޮށްލެވޭކަށްނެތޭ. ސުވާލަކީ ސަރުކާރަށް އެބަކުރެވޭތޯ؟ ނުކުރެވޭ ނޫންތޯ؟ ނުކުރެވެންޏާ ކުރެވޭ ބަޔަކާ ޙަވާލުކުރަން އެބަޖެހޭ ނޫންތޯ؟" އިބްރާހީމް ބުންޏެވެ.

"އަޅުގަނޑުމެންގެ ހާލަތު ރަނގަޅު ކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން. ވަރަށް ދުވަހު "ހަނު" ތިބެވިއްޖެ. މަސްވެރިންގެ ލޭ ކެކިއްޖެ ނަމަ ވަރަށް ހޫނުވާނެ. ކަނޑުމަތިން މި އުފުލާ އަޑު ސަރުކާރަށް ނީވެއްޖެ ނަމަ މަގުމަތިންވެސް އަޑުއިއްވުމަށް މަސައްކަތް ކުރާނަން."

"ހުރިހާ" އާ ވާހަކަދެއްކި އެހެން މަސްވެރިން ބުނީ މަސްވެރިކަމުން ލިބޭ އާމްދަނީ ވަރަށް ބޮޑުތަނުން ދަށްވެއްޖެ ކަމަށެވެ. އެގޮތުން ކުރިން 11،500 ލިބުނު ކަމަށްވިޔަސް މިހާރު އެވަރުވެސް ނުލިބޭ ކަމަށް މަސްވެރިން ބުނެ އެވެ. ކޮންމެ ދުވަހަކު އައިސް އަޅަން ދުއްވަންޖެހޭ ޖެހުމާއި ތެލުގެ ޚަރަދާއި އަދި ފަޅުވެރިންގެ ކެއުމާއި ކަންތައްތަކަށް ބަލާއިރު މިހާރު ލިބޭ އާމްދަނީ އަށްވުރެ ކުރެވޭ ޚަރަދު ބޮޑު ކަމަށް މަސްވެރިން ބުނެ އެވެ.

މަސްވެރިން ފެލިވަރުގައި ކުރި މުޒާހަރާގައި މައިގަނޑު ހަތަރު ކަމަކަށް ޑިމާންޑު ކޮށްފައިވެ. އެއީ، ބާނާ ފަސޭހައިން ކިރޭނެ އިންތިޒާމް ހަމަޖެއްސުމާއި، މަސްގަންނަން ތަރައްޤީކޮށްފައިވާ ށ. ކީކިމިނީގައި މަސް ގަންނަމުން ނުދާތީ އެރަށުގައި މަސް ގަތުމުގެ އޮޕަރޭޝަން ފެށުމާއި، މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސައި ދިނުމާއި އަދި މަހުގެ އަގު 20 ރުފިޔާއަށްވުރެ ދަށް ނުވާނެހެން ކަންކަން ހަމަޖެއްސުމެވެ. އަދި މިދިޔަ ހުކުރު ދުވަހު އިހަވަންދޫގައިވެސް މަސްވެރިން މުޒާހަރާ ކޮށްފައިވެ އެވެ.