އަމިއްލަ ކައިވެނި ހަފްލާއަކީ ހަމަ ކޮންމެ މީހެއް ވެސް ދެކޭނެ ހުވަފެނެކެވެ. އެ ހަފްލާގައި އާއިލާއާއި ރަހުމަތްތެރިންނާ ބައްދަލު ކޮށްލުމަކީ ކައިވެނި ކުރަން އުޅޭ ކޮންމެ މީހަކު ވެސް ބޭނުންވާނެ ކަމެކެވެ.

އެހެން ނަމަވެސް އެމެރިކާގައި ދިރިއުޅީ އިންޑިއާ ނަސްލުގެ ދެމީހަކު ދެެކެމުން އައި އެ ހުވަފެން މިވަނީ ހެއްވާ މަޖާ ގޮތަކަށް ފެނަށްވެފަ އެވެ. ކައިވެނީގެ ހުރިހާ ކަމެއް ހަމަޖެހި އެ ހަފްލާއަށް ތައްޔާރުވުމަށްފަހު ވެސް އެ ދެމީހުންނަށް ވަނީ އެމީހުންގެ އަމިއްލަ ކައިވެންޏަށް ދެވޭގޮތް ނުވެފަ އެވެ.

ނޯތު ކެރޮލީނާއަށް ނިސްބަތްވާ ޕްރަނަވް ޖާއާއި ވިކްޓޯރިއާ ޖާ ތައްޔާރުވަމުން އައީ ކެރޮލީނާގެ ގްރޭންޑް ބޮހޭމިއަން ހޮޓެލްގައި އޮތް އެމީހުންގެ ކައިވެނީގެ ހަފްލާއަށް ދިއުމަށެވެ. އެހެން ނަމަވެސް އެ ހޮޓަލްގެ 16 ވަނަ ފަންގިފިލާގައި އޮތް އެ ހަފްލާއަށް ދާން އެރި ލިފްޓުގައި އެމީހުން ތާށިވީ އެވެ.

ލިފްޓުގައި މައްސަލަޖެހި ޓެކްނީޝަނުން ގެނެސްގެން ލިފްޓު މަރާމާތު ކުރަން ދެގަޑިއިރަށްވުރެ ގިނައިރު ނެގި އެވެ. އެންމެ ފަހުން އެ ލިފްޓުގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރެވުނީ ފަޔާ ޑިޕާޓްމަންޓުގެ އޮފިޝަލުން ގެނެސްގެންނެވެ.

ޕްރަނަވްގެ ދެމަފިރިންނަށް ބޭރަށް ނުކުމެވުނުއިރު ކައިވެނީގެ ހަފްލާއަށް އައި ގިނަ މެހްމާނުން ވަނީ އަނބުރާ ގޮސްފަ އެވެ.