ފަހަކަށް އައިސް ހޮލީވުޑްގައި އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒް އާއި މޮޑެލް، ހެއިލީ ބީބާގެ ތަޅާފޮޅުމުގެ ވާހަކަތަކެވެ.

ސޯޝަލްމީޑިއާގައި މިދެތަރިންނާއި ގުޅުންހުރި ފޮޓޯތަކާއި ވީޑިއޯތައް ހަލުވިކަމާއެކު ދައުރުވަމުންދާއިރު، އެދެމީހުންގެ "ކެޓްފައިޓް" ހިނގަން އެންމެ ފުރަތަމަ މެދުވެރިވި ސަބަބަކީ ދެމީހުންގެ ލޯބިވެރިޔާކަމަށްވާ ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ ސަބަބުންނެވެ.

މީގެ ގިނަ އަހަރުތަކެއް ކުރިން ޖަސްޓިން އާއި ސެލީނާ އަކީ ލޯބިވެރިންނެވެ. އަދި އޭރު އެދެމީހުންގެ ޖޯޑަށް އާންމުންގެ ލޯބި ލިބުނެވެ. އެހެންނަމަވެސް ޖަސްޓިން ސެލީނާއަށް ބޭވަފާތެރިވުމުގެ ސަބަބުން ސެލީނާ ވަނީ ޖަސްޓިންއާ ވަކިވެފަ އެވެ.

އޭގެ އަހަރުތަކެއް ފަހުން ޖަސްޓިން އޭނާގެ މިހާރުގެ އަންހެނުން، ހެއިލީއާ ލޯބީގެ ގޮތުން ގުޅި ކައިވެނި ކުރިނަމަވެސް، އޭނާގެ ހިތުގައި ސެލީނާއަށް ހާއްސަ މަގާމެއް ދެވިފައިވާކަމަށް ޖަސްޓިން ބުނެފައިވެ އެވެ. އަދި މިކަމުގެ ސަބަބުން ހެއިލީ ވަނީ އެކި ގޮތްގޮތުން ސެލީނާއަށް ބަހުގެ ހަމަލާ، ނުސީދާ ގޮތުގައި އަމާޒުކޮށްފަ އެވެ.

އެގޮތުން ދާދި ފަހުންވެސް އެފަދައިން ނުސީދާ ގޮތެއްގައި ސެލީނާއަށް ހަނގާކުރުމުގެ ސަބަބުން ސެލީނާގެ ފޭނުން ވަނީ ހެއިލީއަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. ހެއިލީ ސެލީނާއަށް ހަނގާކޮށްފައިވަނީ ސެލީނާގެ ބަލިހާލަތާއި ގުޅިގެން ބޭނުންކުރާ ދާއިމީ ބޭސްތަކުގެ ސަބަބުން އޭނާގެ ބަރުދަން އިތުރުވަމުންދާތީ އެވެ.

މިކަމާއި ސެލީނާ ފާޅުގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އޭނާ، ދުވަސްތަކެއް ކުރިން ބުނީ، ސޯޝަލްމީޑިއާއިން ވަގުތީގޮތުން ދުރުވެލަން ބޭނުންވާކަމަށެވެ.