އެއްމާބަނޑު ދެބެއިންނޭ ބުނުމުން ކޮންމެ މީހަކަށް ވެސް ސިފަވާނީ ބުރުސޫރައިގައި މާ ބޮޑު ތަފާތު ކަމެއް ނެތް ދެމީހުންނެވެ. އެހެން ނަމަވެސް ޖަޕާނަށް އުފަން މިޝީ ކިކުޗީއާއި ޔޮޝީ ކިކުޗީ ތަފާތެވެ.

އެއްމާބަނޑުން އުފަންވި ނަމަވެސް ޔޮޝީއާއި މިޝީގެ ހަށިގަނޑުގައި ބަލާބެލުމަށް ބޮޑު ތަފާތެއް ހުރެ އެވެ. އެ ދެބެއިންގެ އިސްކޮޅުގައި 2.55 އިންޗީގެ ތަފާތު ހުރެ އެވެ.

އުމުރުން 33 އަހަރުގެ މި ދެބެއިންގެ ތެރެއިން ޔޮޝީގެ އިސްކޮޅުގައި 5 ފޫޓު 4 އިންޗި ހުންނައިރު މިޝީގެ އިސްކޮޅަކީ 2 ފޫޓު 10 އިންޗި އެވެ.

މިއާއެކު އެ ދެބެއިން ވެފައިވަނީ ދުނިޔޭގައި ތިބި އެއްމާބަނޑު މީހުންގެ ތެރެއިން އިސްކޮޅު އެންމެ ތަފާތު ދެބެއިންނަށެވެ. މިކަމަށްޓަކައި ޔޮޝީއާއި މިޝީއަށް ދުނިޔޭގެ ރެކޯޑު ފޮތުންވެސް ޖާގަ ލިބިފައިވެ އެވެ.

މިޝީ އަދިވެސް އޭނާގެ މައިންބަފައިންނާއެކު ދިރިއުޅެމުން ދާއިރު ޔޮޝީ ވަނީ އާއިލާއާ ވަކިން އޭނާގެ އަމިއްލަ ދިރިއުޅުމެއް ފަށާފަ އެވެ. އެހެން ނަމަވެސް އެއްމާބަނޑު ދައްތައާއެކު ޔޮޝީ އަދިވެސް ގިނަ ވަގުތުތަކެއް ހޭދަކުރެ އެވެ.

އާދައިގެ އިންސާނަކަށްވުރެ އިސްކޮޅުން ކުރުވިޔަސް މިޝީއަކީ ނުކުޅެދޭ މީހެއްގެ ގޮތުގައި ބަލައިނުގަންނަ ކަމަށާއި އެއީ ވެސް އެހެން އިންސާނުން ފަދަ މީހެއް ކަމަށް ޔޮޝީ ބުނެފައިވެ އެވެ.

އިސްކޮޅުން ކުރުވުމަކީ މައްސަލައެއް ނޫން ކަމަށާއި އެހެން ނަމަވެސް މީހުންގެ ފުރައްސާރައާއި މަލާމާތް ލިބުމަކީ އެންމެ އުނދަގޫވާ ކަން ކަމަށް މިޝީ ބުންޏެވެ.