އެމެރިކާގެ ޕްލައިމުތުގައި ދިރިއުޅޭ އަންހެނަކަށް އޭނާ ދިރިއުޅެމުންދާ ގެ ސާފު ކުރުމުގެ ތެރޭޭގައި 100 އަހަރުވެފައިވާ ކަމަށް ބެލެވޭ ޗޮކުލެޓު އުރައެއް ފެނިއްޖެ އެވެ.

އުމުރުން 51 އަހަރުގެ އެމާ ޔަންގް ބުނެފައި ވަނީ އޭނާގެ ގޭގެ ފާހަނާގެ ފްލޯބޯޑުތައް ނައްޓައި އާ ކުރުމުގެ ތެރޭގައި ކުނި ކަމަށް ބެލެވޭ އެއްޗެއް ފެނުނު ކަމަށެވެ.

އެހެން ނަމަވެސް މަޝްހޫރު ޗޮކްލެޓު ބްރޭންޑެއް ކަމަށްވާ ކެޑްބަރީގެ ނަމާއި އޭގެ ކުލަ ފާހަގަ ވުމުން ކައިރީގައި ހުރި ފިހާރައަކަށް ގޮސް އޮޅުން ފިލުވުމުން އެނގުނީ އެއީ 1930 ވަނަ އަހަރާއި 1934 ވަނަ އަހަރާ ދެމެދު އުފައްދާފައިވާ އުރައެއް ކަމަށް އެމާ ބުންޏެވެ.

އެމާ އިތުރަށް ބުނީ އޭނާ މިހާރު އުޅޭ ގެއަކީ 1930ގެ އަހަރުތަކުގެ ތެރޭގައި އިމާރާތްކޮށްފައިވާ ގެއެއް ކަމަށާއި އެހެން ކަމުން ބޮޑަށް ބެލެވެނީ އިމާރާތް ކުރުމުގައި އުޅުނު މީހަކު ޗޮކްލެޓް ކެއުމަށް ފަހު އުރަ އެއްލާލީ ކަމަށެވެ.

ގަރުނެއް ވާން ކައިރިވެފައިވާ އެ އުރައަށް މާބޮޑު ގެއްލުމެއް ނުލިބި އޭގެ އަސްލު ފެންނަ ގޮތަށް ވަނީ ރައްކާ ކުރެވިފަ އެވެ.

އޭނާ އަށް ފެނުނީ ހަމައެކަނި ޗޮކްލެޓް އުރައެއް ނޫން ކަމަށާއި އެއީ ތާރީހުގެ ބައެއް ކަމަށް ބުނަމުން އެމާ ވަނީ އެ އުރަ ފްރޭމްކޮށް ޑިސްޕްލޭ ކުރަން ވިސްނާ ކަމަށް ބުނެފަ އެވެ.