ތިމާގެ އަނބިމީހާ ނުވަތަ ފިރިމީހާ އެހެން މީހަކާ ހިތާވެ ތިމާއާ ވަކިވާން ނިންމައިފި ނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އެއްބަޔަކު އެ ހިތާމައިގައި ދުވަސްތައް ގުނާނެ އެވެ. އަނެއް ބަޔަކު ބައިވެރިޔާގެ ފަރާތުން ލިބުނު އަނިޔާވެރިކަން ހިތުއަޅައި އެކަމުގެ ބުރައާ އެކު ދިރިއުޅޭނެ އެވެ.

ނަމަވެސް އިންޑިއާގެ ބިހާރުއަށް ނިސްބަތްވާ ފިރިހެނަކު ކަންތައް ކުރީ މުޅިން ތަފާތުކޮށެވެ. އޭނާގެ އަނބިމީހާ އެހެން މީހަކާ ހިތާވެ އޭނާ ދޫކޮށް ދިއުމުން އަނބިމީހާގެ ލޯބިވެރިޔާގެ އަންހެނުންނާ ކައިވެނި ކުރީ އެވެ.

ހަބަރުތައް ބުނާ ގޮތުގައި ނީރަޖް ކިޔާ އެ މީހާ ރޫބީއާ ކައިވެނި ކުރީ 2009 ވަނަ އަހަރު އެވެ. އެ ކައިވެންޏަށް ހަތަރު ކުދިން ލިބިފައިވާއިރު ކައިވެނިކޮށްގެން އުޅެމުން ވެސް ރޫބީ މުކޭޝް ނަމަކަށް ކިޔާ މީހަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އެނގުނީ ވަރަށް ފަހުންނެވެ.

އެގޮތުން މިދިޔަ އަހަރު މުކޭޝް އާއި ރޫބީ ކައިވެނި ކޮށްފައިވާއިރު ނީރަޖްވަނީ މުކޭޝް އޭނާގެ އަންހެނުން ވަގަށް ނަގާފައިވާ ކަމަށް ބުނެ ފުލުހުންނަށް މައްސަލަ ހުށައަޅައިފަ އެވެ.

އެހެން ނަމަވެސް މުކޭޝް އާއި ރޫބީއަކީ ބާލިޣުވެފައިވާ ދެމީހުން ކަމަށާއި އެހެން ކަމުން އެ ދެމީހުންގެ ނިންމުމަށް ކޯޓުގެ ބާރެއް ނުފޯރުވޭނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުންގެ މި ޖަވާބު އެކު ރޫބީ އާއި މުކޭޝްގެ ކިބައިން ބަދަލު ހިފުމުގެ ޖޯޝުގައި ނީރަޖްވަނީ މުކޭޝްގެ އަންހެނުންނާ ކައިވެނި ކޮށްފަ އެވެ. އެ ދެ މީހުން ކައިވެނިކުރީ މި އަހަރުގެ ފެބްރުއަރީގަ އެވެ.

މި ހާދިސާ އަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ޖޯކު ޖަހަމުން އަންނައިރު މިކަމަށް ގިނަ ބައެއްގެ ސަމާލުކަން ވެސް ވަނީ އަމާޒުވެފަ އެވެ.