އެމެރިކާގެ ޕެންސިލްވޭނިއާއިން ގެއްލިގެން މީގެ 30އަށްވުރެ ގިނަ އަހަރު ކުރިން ރިޕޯޓުކޮށްފައިވާ އަންހެނަކު ހެޔޮހާލުގައި ހުއްޓާ ފެނިއްޖެ އެވެ.

ހަބަރުތައް ބުނާ ގޮތުގައި މިހާރު އުމުރުން 83 އަހަރުގެ ޕެޓްރިސިއާ ކޮޕްޓާ ފެނިފައިވަނީ އެމެރިކާގެ ޕުއާޓޯރިކޯގައި ހުންނަ އުމުރުން ދުވަސްވީ މީހުން ބަލާ މަރުކަޒަކުންނެވެ.

ކާކުކަން ޔަގީން ކުރަން ހެދި ޑީއެންއޭގެ ނަތީޖާތައް އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮގެ ޑީއެންއޭއާ 100 ޕަސެންޓް ދިމާވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

1992 ވަނަ އަހަރު އޭނާ ގެއްލިފައިވަނީ ހަނދާން ނެތޭ ބައްޔެއް ކަމަށްވާ ޑިމެންޝިއާގެ އަލާމާތްތައް ފެނުމަށްފަހުގައި ކަމަށާއި ގެއްލުމުގެ ކުރިން އޭނާގެ ފަރާތުން އާދަޔާ ޚިލާފު ކަންތައްތަކެއް ފާހަގަވި ކަމަށް ފިރިމީހާ ބޮބް ކޮޕްޓާ ބުނެފައިވެ އެވެ.

ޕެޓްރީސިއާ ހޯދަން އަހަރުތަކެއް ވަންދެން ކުރި މަސައްކަތަށްފަހު ފުލުުހުން ވަނީ އޭނާއަކީ މަރުވެފައިވާ މީހެއް ކަމަށް ނިންމައި އެ މައްސަލަ ބަންދުކޮށްފަ އެވެ.

ޕެޓްރީސިއާ ފެނުނު ޕުއޯޓޯރިކޯއަކީ އޭނާގެ ޒުވާން އުމުރުގައި ވަރަށް ގިނައިން ގޮސް އުޅުނު ތަނެއް ކަމަށާއި އެ ސަރަހައްދުން އޭނާ ފެނުމަކީ ގަބޫލު ކުރެވޭ ކަމެއް ކަމަށް އާއިލާއިން ބުނެ އެވެ.

ޕެޓްރީސިއާ ފެނުނު ނަމަވެސް އޭނާ ދެކިލަން ދާން ބޭނުން ނުވާ ކަމަށް ފިރިމީހާ ބޮބް ބުނެފައިވާއިރު ޕެޓްރީސިއާގެ ކޮއްކޮ ބުނެފައިވަނީ ދައްތައަށް އޭނާއަކީ ކާކުކަން ނޭނގުނަސް ދެކިލަން ބޭނުންވާ ކަމަށެވެ.