އޮފް ދުވަހު އޮފީހުގެ މަސައްކަތްތައް ކުރަން ބޭނުންވާނީ ކާކު ހެއްޔެވެ؟ ލިބޭ ހަމައެކަނި ހުސް ދުވަހުގައި ކޮންމެ މީހަކު ވެސް ބަލާނީ އަމިއްލަ ކަންތައް ކުރެވޭތޯ އެވެ. އެ ދުވަހު އޮފީހުގެ މަސައްކަތެއް ކުރަން ޖެހުމަކީ ވެސް "ފޫހި" ކަމަކަށް އޮންނަނީ ވެފަ އެވެ.

އެމެރިކާއަށް ނިސްބަތްވާ އަންހެނެއް ކަަމަށްވާ ވެނިސާ ވަނީ ބަލިވެގެން ސަލާމުގައި އޮތް ދުވަހަކު އޭނާގެ މެނޭޖަރު އޮފީސް ކަމެއްގައި ގުޅުމުން މެނޭޖަރުގެ ފޯން ނަމްބަރު ބްލޮކްކޮށްފަ އެވެ.

ޓިކްޓޮކްގައި ވީޑިއޯތައް ހިއްސާކުރާ ވެނީސާ ބުނީ އޮފް ދުވަހަކީ އޭނާއަށް ލިބޭ ހަމައެކަނި ހުސް ދުވަސް ކަމަށާއި އަދި އެދުވަހު އޮފީހުގެ ކަންތައް ކުރަން ނުޖެހޭނެ ކަމަށެވެ.

ވެނީސާ އިތުރަށް ބުނީ އޮފީހުގެ ކަންކަމަށް ގެންގުޅޭ ވަކި ފޯނެއް އޮންނާނެ ކަމަށާއި އެހެން ކަމުން މެނޭޖަރެއް ވިޔަސް އޭނާގެ އަމިއްލަ ފޯނަށް ގުޅަން ނުޖެހޭނެ ކަމަށެވެ.

"ސަލާން ބުނުމަކީ އަހަރުމެންގެ ހައްގެއް. އެދުވަހު އޮފީސްގެ މަސައްކަތް ކުރާކަށް ނުޖެހޭނެ" ވެނީސާ ބުނެފައިވެ އެވެ.

ވެނީސާގެ މި އަމަލަށް އިންޓަނެޓް ބޭނުންކުރާ ގިނަ މީހުން އަންނަނީ ތައުރީފް ކުރަމުންނެވެ. އަދި މިއީ އެހެން މީހުން ވެސް އަޅަން ޖެހިފައިވާ ފިޔަވަޅެއް ކަމަށް އެމީހުން ބުނެ އެވެ.