ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް ޖަރުމަނުގެ ރައީސް ފްރޭންކް ވޯލްޓަރ ސްޓައިންމަޔަރއާ ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން އޮތީ ޖަރުމަނުގެ ބާލިންގައި ހުންނަ އޮފީސް އޮފް ދަ ފެޑެރަލް ޕްރެޒިޑެންޓްގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ އުފެއްދުންތަކަށް ޔޫރަޕުގައި ނަގާ ޓެރިފް ރޭޓާ ގުޅޭގޮތުންނާއި ދިވެހިންނަށް ވިސާ ހޯދުމުގައި ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ދެބޭފުޅުން ވަނީ ދެޤައުމުގެ ދެމެދު ގުޅުންބަދަހި ކުރުމާގުޅޭގޮތުންނާއި ދެ ޤައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން އެއްބާރުލުން ދިނުން އިތުރުކުރުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައި އެވެ. މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ހުރި ފުރުސަތުތަކާއި ގުޅޭގޮތުންނާއި ވައިގެ ދަތުރުފަތުރާއި ދަތުރުފަތުރުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ ޝައުޤުވެރިކަން ރައީސް ވަނީ ފާޅުކުރައްވާފައެވެ.

ދިވެހިރާއްޖެއިން ޖަރުމަނާއެކު ސިޔާސީ ގުޅުން ޤާއިމްކުރީ 1966 ވަނަ އަހަރުގެ ޖުލައި މަހުގެ 5 ވަނަ ދުވަހުއެވެ.