ގަތަރުގެ އިންވެސްޓްމަންޓް ކުންފުންޏެއް ކަމަށްވާ އެސްޓިތުމާ ހޯލްޑިން އިން 343 މިލިއަން ޑޮލަރު (5.2 ބިލިއަން ރުފިޔާ) ހަރަދުކޮށްގެން ރާއްޖޭގައި ދުނިޔޭގެ އެންމެ ލަގްޒަރީ އެއް ބްރޭންޑް ރިސޯޓް ތަރައްގީކުރަން ފަށައިފި އެވެ.
މާލެ އަތޮޅުގައި ފަޅެއް ހިއްކައިގެން އިތާފުށީގެ ނަމުގައި ހެދި ރަށުގައި ޖުލައި 2019 ވަނަ އަހަރު ހުޅުވި ވޯލްޑް އޮފް އެސްޓޯރިއާ އަކީ ވެސް އެސްޓިތުމާ ހޯލްޑިންގެ ރިސޯޓެކެވެ.
އެސްޓިތުމާ ހޯލްޑިން ބުނީ މާލެ ކައިރީ 35 މިނެޓުން ލޯންޗްގައި ދެވޭ ހިސާބުގައި އޮންނަ ފަޅެއް ހިއްކައިގެން ތަރައްގީކުރާ ރަށް 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހުޅުވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި އެސްޓިތުމާ ހޯލްޑިންގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ރޯޔަލް ރިސޯޓްސް އިން ތަރައްގީކުރާ އާ ރިސޯޓު ހިންގާނީ އަލްޓްރާ ލަގްޒަރީ ގްލޯބަލް ހޮސްޕިޓާލިޓީ ބްރޭންޑެއް ކަމަށްވާ ރޯޒްވުޑް ހޮޓެލްސް އެންޑް ރިސޯޓްސް އިން ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
އެސްޓިތުމާ ހޯލްޑިން ބުނީ ރޯޒްވުޑް ހިންގާ ރިސޯޓު އާކިޓެކްޗަރަލް މާސްޓާޕީސްއަކަށް ވެގެންދާއިރު، މި ޕްރޮޕަޓީގައި ގާތްގަނޑަކަށް 120 ބީޗް އެންޑް އޯވާ ވޯޓާ ވިލާއާއި، އެއް ކޮޓަރީން ފެށިގެން ފަސް ކޮޓަރީގެ ވިލާތަކުގައި ޕްރައިވެޓް ޕޫލްތަކާއި ޕްރައިވެޓް އައިލެންޑްތަކެއް ވެސް ހިމެނޭނެ ކަމަށެވެ.
އެސްޓިތުމާ ހޯލްޑިން އިން ބުނީ މި މަޝްރޫއަކީ ލަގްޒަރީ އަދި އާދަޔާ ހިލާފުކަމުގެ ރަމްޒުކޮށްދޭ ޕްރޮޖެކްޓަކަށް ވާނެ ކަމާމެދު ޝައްކެއް ވެސް ނޯންނާނެ ކަމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޓޫރިސްޓުންގެ އެންމެ ޑިމާންޑް ބޮޑު ތަނަކަށް ވެގެންދާނެ ކަމަށެވެ.
އެ ކުންފުނިން ބުނީ އެ ރިސޯޓުގެ މެދު ތެރޭގައި ދުނިޔޭގެ މަޝްހޫރު ގިނަ ސްޕެޝަލިޓީ ރެސްޓޯރެންޓްތަކާއި ވެލްނެސް ފެސިލިޓީއަކާއި ބީޗް ކްލަބެއްގެ އިތުރުން ގެސްޓުންނަށް ހަނދާން ނައްތާނުލެވޭ ފަދަ ތަޖުރިބާއެއް ލިބޭނެ ކަމުގެ ޔަގީންކަން ލިބޭ ގިނަ ވަސީލަތްތަކެއް ހުންނާނެ އެވެ. އަދި އެކްސްޕީރިއެންޝަނަލް ލަގްޒަރީ އަށް ހާއްސަ ސަމާލުކަމެއް ދީގެން ރޯޒްވުޑް ރިސޯޓުން ގެސްޓުންނަށް ތަފާތު ތަޖުރިބާއެއް ލިބިގެންދާނެ ކަމަށް އެސްޓިތުމާ ހޯލްޑިން ބުނެ އެވެ.
އެ ކުންފުނިން ބުނީ ޒަމާނުއްސުރެ ރާއްޖެއަކީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރާ މަންޒިލެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ އިރު، މުޅި އަހަރު ވެސް އޮކިއުޕެންސީ މަތީ ލެވެލްއެއްގައި ދަމަހައްޓަމުން އަންނަ ކަމަށެވެ. އަދި ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އިންވެސްޓްކޮށްގެން ލިބޭ ރިޓާން ރޭޓްތަކަކީ ދުނިޔޭގެ ނިސްބަތުން ވެސް އެންމެ މަތީ ރޭޓް ލިބޭ ގައުމުމަކަށް ވުމުން، އިންވެސްޓްމަންޓުން ބޮޑު ފައިދާއެއް ހޯދަން ބޭނުންވާ އިންވެސްޓަރުންނަށް ވަރަށް މަގުބޫލު ގައުމަކަށް ރާއްޖެ ވެފައިވާ ކަމަށް އެސްޓިތުމާ ހޯލްޑިން އިން ބުނެ އެވެ.
ގަތަރުގެ ފަތުރުވެރިކަމުގެ ދާއިރާގައި އެސްޓިތުމާ ހޯލްޑިންއަކީ ވަރުގަދަ ޓްރެކް ރެކޯޑެއް އޮތް ކުންފުންޏެކެވެ. އޭގެ ތެރޭގައި ލުސައިލްގެ އަލް މަހާ އައިލެންޑާއި އެސްޕަޔާގެ މޭސަން ރިސޯޓާއި ކަޓާރާގެ ކަޓާރާ ހިލްސް ރިސޯޓް ހިމެނެ އެވެ. ރާއްޖޭގައި އެންމެ ފަހުން މިފެށި އިންވެސްޓްމަންޓަކީ ދުނިޔޭގެ ފެންވަރުގެ ޓޫރިޒަމް އެކި ތަންތަނުގައި ތަރައްގީކުރުމަށް އެ ކުންފުނިން ކުރާ މަސައްކަތުގެ ހެއްކެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.
މި އިންވެސްޓްމަންޓާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެސްޓިތުމާ ހޯލްޑިންގެ ޗެއާމަން މައުތާޒް އަލް ޚައްޔާތު ވިދާޅުވީ ރާއްޖޭގައި އިންވެސްޓްކުރުމަކީ ވަރަށް ފަސޭހަކޮށް އޮންނަ ފުރުސަތުތަކެއް ކަމަށާއި އިންވެސްޓްމަންޓް މާހައުލަކީ ފަތުރުވެރިކަމާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތައް ކުރިއެރުވުމަށް ދުނިޔޭގެ ޕްރައިވެޓް ސެކްޓާ އަށް ހިތްވަރު ދީ، ހަރުދަނާ ދައުރެއް އަދާކުރާ މާހައުލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދުނިޔޭގެ 16 ގައުމެއްގައި 30 އަށް ވުރެ ގިނަ ހޮޓާ ހިންގާ ރޯޒްވުޑް ހޮޓެލްސް އެންޑް ރިސޯޓްސްގެ ރައީސް ރާދާ އަރޯރާ ވިދާޅުވީ ރާއްޖެއަކީ ރޯޒްވުޑްގެ ރިސޯޓެއް ހުޅުވަން ވަރަށް ކަމުދާ ތަނެއް ކަަމަށެވެ.
"އަޅުގަނޑުމެން މި ބަލަނީ އަޅުގަނޑުމެންގެ 'އަ ސެންސް އޮފް ޕްލޭސް ފަލްސަފާ' މި ހިތްގައިމު މަންޒިލުގައި ދިރުވާލެވޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
އެސްޓިތުމާ ހޯލްޑިން އިން ބުނީ ރާއްޖޭގައި ހިންގާ ރޯޒްވުޑް ރިސޯޓުން ލަގްޒަރީ ޓޫރިސްޓުންނަށް ހިދުމަތް ދޭނީ ރޯޒްވުޑްގެ އެންމެ ފަހުގެ ތަފާތު ތަޖުރިބާއާއި އޮޕަރޭޓް ކުރުމުގައި ލިބިފައިވާ ތަޖުރިބާގެ މައްޗަށް ބިނާކޮށްގެން ކަމަށެވެ.