ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ކުރަންޖެހޭ މަޝްވަރާތައް ކުރުމަށް، އިންތިހާބުތަކާބެހޭ އާއްމު ގާނޫނުގެ ދަށުން އުފައްދާފައިވާ ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުންތައް އަންނަ ހަފްތާގައި ފެށުމަށް ހަމަޖައްސައިފި އެވެ.

ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުންތައް އަންނަ ހަފްތާގައި ފެށުމަށް ސިޔާސީ ޕާތީތަކަށާއި، މިނިވަން މުވައްސަސާތަކަށާއި، ޖަމްއިއްޔާތަކަށްވެސް ދައުވަތު ދީފައިވާކަމަށެވެ. ކޮމިޝަނުން މަސައްކަތް ކުރަނީ އެންމެންގެ އެއްބާރުލުމާއިއެކު މިއިންތިހާބު މިނިވަންކަމާއިއެކު ގެންދިއުމަށް ކަމަށް ހަބީބު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް ލަފާދޭ ގައުމީ ކޮމެޓީއަކީ ކަމާއި ގުޅުންހުރި އިދާރާތައް ހިމެނޭހެން އެކުލަވާލާފައިވާ ކޮމެޓީއެކެވެ. ކޮންމެ ރިޔާސީ އިންތިހާބެއްގައިވެސް ދުރާލައި އިންތިހާބަށް ތައްޔާރުވުމަށްޓަކައި އިލެކްޝަނުން ގައުމީ ލަފާދޭ ކޮމެޓީ އެކުލަވާލައި ބައްދަލުވުންތައް ބާއްވަމުންދެ އެވެ. ނިމިދިޔަ 2018 ވަނަ އަހަރުވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ގައުމީ ލަފާދޭ ކޮމެޓީ މާޗް މަހުން ފެށިގެން ކޮންމެ ހަފްތާއަކު އެއްދުވަހު ބާއްވާފަ އެވެ.

މިފަހަރުވެސް މިކޮމެޓީ އެކުލަވާލާފައިވަނީ މިނިވަން 10 މުއައްސަސާއަކާއި، ސިޔާސީ 8 ޕާޓީއެއްގެ އިތުރުން 3 ޖަމްއިއްޔާއަކާއި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ މަންދޫބުންވެސް ހިމަނައިގެންނެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 9 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ. އިންތިހާބުގައި ދެވަނަ ބުރެއް ބާއްވަން ޖެހޭނަމަ އެ ވޯޓްލުން އޮންނާނީ 30 ސެޕްޓެމްބަރު ގައިކަމަށެވެ.