ޑިސެމްބަރު 16، 1887 ވަނަ ދުވަހެވެ. މާލޭގެ ބަނދަރަށް މަޑުމަޑުން ކައިރި ކުރަމުން ގެންދިޔައީ އިނގިރޭސި ސިފައިންގެ މަނަވަރެކެވެ. އޭރު ރަސްކަމުގެ ކޮއިލު ތެރޭގައި ރަސްމީ ދަރުބާރު ހިނގަމުން ދިޔަ އެވެ. ހުށަހެޅިފައި އޮތް މައްސަލައަކީ ދިވެހި ރާޢްޖެ އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ދިއުމުގެ ލިއުމުގައި ސޮއި ކުރުމެވެ. ރަސްގެފާނާއި ބޮޑުން އެކަމަށް ދެކޮޅު ހައްދަވަމުން ގެންދެވި އެވެ.
އޭރު މާލެއާ ކައިރި ކުރަމުން އައި މަނަވަރުގެ ބަޑިތައް ސީދާ ގަނޑުވަރަށް އަމާޒުވާ ގޮތަށް އައިސް ކިރިޔާ ނުބީހޭ ހިސާބަށް ކައިރި ކޮށްލި އެވެ. ގަނޑުވަރު ތެރޭގައި ތިބި އިނގިރޭސި އެޖެންޓުން ބުނަމުން ގެންދިޔައީ ސޮއި ނުކޮށްފި ނަމަ މުޅި މާލެ ގޮއްވާލާނެ ކަމަށެވެ.
ރަސްގެފާނު މުއީނުއްދީން ބިރުފުޅުން ރޫރޫ އަޅުއްވަނީ އެވެ. ނައިބު ކަލޭގެފާނު، ނައިބު ތުއްތު ފުންމައިގެން ތެދުވެ، "ތިފަދަ ބައެއްގެ އަޅުވެތިވުމަށް ވުރެ ކާފަރުންގެ އަތުން މަރުވުން ވެސް މާ ހެޔޮކަން ބޮޑޭ" ވިދާޅުވެ ޖަލްސާއިން ނިކުންނަވައިފި އެވެ. އޭރު މަނަވަރުގެ ބަޑިން ދެންމެ ދެންމެ އުންޑަތައް ފޮނުވަން ފަށާފާނެ ހެން ހީވެ އެވެ.
މިނިވަންކަމަށް ހިޔަނި އެޅި ވިލާގަނޑު
މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި ރާއްޖެ ޒަމާންތަކަކަށް އޮތުމަށްފަހު ގައުމުގެ މިނިވަންކަމަށް ހިޔަނި އަޅާލި ވިލާގަނޑު އޭރު އޮތީ ހަތަރު އުދަރެސް ބައްދާފަ އެވެ. އެއީ ކުއްލިއަކަށް ނެގި ވިލާގަނޑެއް ނޫނެވެ. އެ ވިލާގަނޑު މަޑުމަޑުން ނަގަމުން އައިސް އުދަރެސް ބަނަކޮށްފައި އޮންނަތާ އޭރު ދުވަސްކޮޅެއް ވެއްޖެ އެވެ.
އެއީ ދެކުނު އޭޝިއާ އިނގިރޭސިންގެ ދަށުގައި އޮތް ދުވަސްވަރެވެ. އިންޑިއާ އަކީ އިނގިރޭސި ދައުލަތުގެ ބައެކެވެ. ސިލޯން ވެސް ހަމަ އެފަދަ އެވެ. ދިވެހިންގެ ޚާރިޖީ ގުޅުން އޭރު އޮންނަނީ ސިލޯނާ ހަމަޔަށެވެ. އެހެންކަމުން އިނގިރޭސިންގެ ނުފޫޒު ދިވެހިންގެ މައްޗަށް އޮންނާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ނަމަވެސް ރާއްޖެ އޮތީ މުސްތަގިއްލު ގައުމެއްގެ ގޮތުގަ އެވެ.
އަތިރީގެ އާއި ކަކާގޭގެ ކޯޅުން
ދުވަސްވަރަކީ ރާއްޖޭގެ ވެރިކަމުގެ ތެރޭގައި ބޮޑުވެގެންވާ ކޯޅުމެއް ހިނގަމުން ދިޔަ ދުވަސްވަރެކެވެ. ހުރާގޭ ދަރިކޮޅު ދެބަޔަކަށް ބެހި ކަކާގެ އާއި އަތިރީގޭގެ ތަޅާފޮޅުމަކަށް ރާއްޖޭގެ ވެރިކަމުގެ ދަރުބާރު އޮތީ ބަދަލުވެފަ އެވެ. ވެރިކަމުގެ ބާރު، އޮތީ ކަކާގޭގަ އެވެ. މުދަލާއި ބޭރުގެ ނުފޫޒު އޮތީ އަތިރީގެއަށް ފަހިވާ ގޮތަށެވެ.
ވިޔަފާރީގެ ގޮތުން އަތިރީގޭ ޚާންދާނަށް ގޮން ޖަހާލުމުގެ ބޭނުމުގައި ކަކާގޭ ފަޅިން ރާއްޖެއަށް ގެނައީ ވޯރާ ވިޔަފާރިވެރިންނެވެ. އެކަމާ ހިތްޕުޅު ހަމަޖެހިވަޑައިނުގެން ރާއްޖޭގެ އޭރުގެ އެންމެ ބޮޑު މަހުޖަނު، އަތިރީގެއަށް ނިސްބަތްވާ އަލި ދޮށިމޭނާ ކިލެގެފާނު ރާއްޖެ ދޫކުރައްވާ އޭނާގެ ހުރިހާ ވިޔަފާރިއަކާ އެކު ސިލޯނުގެ ގާލީގައި ވަޒަންވެރި ވި އެވެ. ދުވަސްކޮޅަކުން އަލި ދޮށިމޭނާ ކިލެގެފާނުވީ މުޅި ސިލޯނާއި ސައުތު އިންޑިއާގައި ވެސް ބާރާއި ނުފޫޒު ގަދަ ބޮޑު މަހުޖަނަކަށެވެ.
އަލި ދޮށިމޭނާ ކިލެގެފާނު ނުވަތަ ގަލޮޅުގޭ އަލި ދީދީ ކުއްލި ގޮތަކަށް ނިޔާވުމާ ގުޅިގެން އޭނާގެ ހުރިހާ މުއްސަނދިކަމެއް ވާރުތަވީ ދަރިކަލުން އިބްރާހިމް ދީދީ އަށެވެ.
އިބްރާހިމް ދީދީ އަށް ކުއްލިއަކަށް ލިބިވަޑައިގެންނެވި މުއްސަނދިކަމުގެ ބޭނުން ކުރެއްވީ ސިޔާސީ ގޮތުން ބާރު ހޯއްދެވުމަށެވެ. އެންމެ ފުރަތަމަ ދުނިޔޭގެ އެތަންމިތަނަށް ދަތުރު ކުރެއްވި އެވެ. ހައްޖަށް ވަޑައިގެންނެވުމަށްފަހު ތުރުކީއަށް ވަޑައިގެން އުސްމާނީ ދައުލަތުގެ ޚަލީފާގެ ފައިންޕުޅު ދެކެވަޑައިގެންނެވި އެވެ. އެ ބައްދަލުވުމަކީ އިބްރާހިމް ދީދީގެ ސިޔާސީ ކުރިމަގަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. އުސްމާނީ ދައުލަތުން ލިބި ވަޑައިގެންނެވި ޝަރަފުވެރި މަގާމަކާ އެކު އިބްރާހިމް ދީދީއަށް ސިލޯނުގައި ހުންނަވާ އިނގިރޭސި ގަވަރުނަރާ ޚާއްސަ ގުޅުމެއް އުފައްދަވަން މަގު ފަހިވި އެވެ.
އިނގިރޭސިންގެ ރަހުމަތްތެރިކަމާއި، ފައިސާގެ ބާރު ހުރި ނަމަވެސް ރާއްޖޭގެ ވެރިކަމުގެ ބާރުތައް ފުރޮޅާ ލުމުގައި އިބްރާހިމް ދީދީ އަށް މާބޮޑު ކާމިޔާބެއް ލިބިވަޑައި ނުގެންނެވި އެވެ. ނަތީޖާއެއްގެ ގޮތުން ނުބައި ރޭވުންތަކެއްގެ ދަށުން މާލޭގައި އަލިފާނުގެ ބޮޑު ކުޅިގަނޑެއް ފެށްޓެވި އެވެ.
ބޮޑު ހުޅުގެ ނަމުން މަޝްހޫރުވި ހުޅު ޖެހުމަކީ ރާއްޖޭގެ އެތެރޭގެ ސިޔާސަތުގެ ތެރެއަށް އިނގިރޭސިން ވެއްދުމަށްޓަކައި ރޭވުނު ނުބައި ރޭވުމެކެވެ. އެ ހުޅު ޖެހުމުގެ ނަތީޖާއެއްގެ ގޮތުން އިނގިރޭސިން ރާއްޖޭގެ އެތެރޭގެ ސިޔާސަތާ ސީދާ ބެހުނެވެ. ވޯރާ ވިޔަފާރިވެރިންނަކީ އިނގިރޭސި ރައްޔިތުން ކަމަށް ވާތީ އެ މީހުން ހިމާޔަތް ކުރުމުގެ ނަމުގަ އެވެ. އެ އަމާޒަށް އިނގިރޭސިން ވާސިލުކުރުވައި އެ މީހުން ބޭނުންވާ ފަދަ އެގްރިމެންޓެއްގައި މުއީނުއްދީން ރަދުން ލައްވައި ގަދަކަމުން ސޮއި ކުރުވީ އަތިރީގޭ އިބްރާހީމް ދީދީގެ ރޭވުމުގެ ދަށުން އަތިރީގޭ އަހުމަދުދީ އިސްވެ ހުންނަވަ އެވެ.
ބާރު ހޯދުމަށް ވިއްކާލި މިނިވަންކަން
ހިމާޔަތުގެ އެއްބަސްވުމުގެ ނަމުގައި އަންނަބީލު އަހުމަދު ދީދީ އިސްވެ ހުންނަވައިގެން ސިލޯނުގައި ލިޔެގެން ގެނެސް މަނަވަރުގެ ބަޑީން ގަނޑުވަރު ފުނޑުފުނޑު ކޮށްލާނެ ކަމުގެ ބިރު ދައްކައި، ސުލްތާނު މުއީނުއްދީނު ލައްވައި ގަދަކަމުން ކުރުވި ސޮޔަކީ ވެރިކަމުގެ ބާރު ކަކާގެއިން އަތިރީގެއަށް ފުރޮޅާލުމަށް ހިންގި ނުބައި ރޭވުމެކެވެ.
އެ ރޭވުމުގެ ދަށުން ރާއްޖޭގެ މިނިވަންކަން އިނގިރޭސިންނަށް ހިބަކޮށްދިން ދިނީ އެވެ. ރާއްޖޭގެ މިނިވަންކަން ވިއްކާލުމަށްފަހު އަތިރީގެއަށް ވެރިކަމުގެ ބާރު ފުރޮޅާ ލެވުނެވެ. ފުރޮޅާލެވުނު ވެރިކަމުގެ ބާރު، ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީންގެ ވެރިކަން ނިމުމާ ހަމަޔަށް ދެމި އޮތެވެ. "މާތްވެގެންވާ" އިނގިރޭސިންގެ ހިމާޔަތުގެ ދަށުގަ އެވެ.
މެކްރޮންގެ ދަތުރާ ދިމާކޮށް ދިމިޝްގުގައި ބޮންގޮއްވުމުގެ ހަމަލާއެއް
ފަހަތުން އަރައި މިސްރު ބަލިކޮށް، އާޖެންޓީނާ ކުއާޓާ ފައިނަލަށް
ދިލްޖީތުގެ "ސަތުލުޖް"ގެ މައްސަލަ ގޯސްވެ "ބޭން" ކޮށްފި