ސްވިޓްޒަލެންޑްގެ ރަށްބޭރު އަވަށެއް ކަމަށްވާ އަލްބިނެންއަކީ ގުދުރަތީ ރީތިކަމުގެ މިސާލެކެވެ. ދުރު ދުރަށް ފެތުރިފައިވާ ފަރުބަދަތަކާއި، އެ ފަރުބަދަތައް ފޮރުވާލާފައިވާ ސާފު ހުދު ކުލައިގެ ސްނޯތަކަކީ ބަލައި ފޫހި ނުވާނެ މަންޒަރުތަކެކެވެ.

އަޑު އަހާ އެހުމަށް މިއީ އުޅެލަން އެންމެ ހިތްފަސޭހަ މާހައުލެވެ. ނަމަވެސް މި ހިތްގައިމު މާހައުލުގައި މިވަގުތު ދިރިއުޅެމުން އަންނަނީ އެންމެ 243 މީހުންނެވެ.

އަލްބިނެންއަށް ލިބިފައިވާ ގުދުރަތީ ރީތިކަމާއެކު ވެސް ވަޒީފާގެ ފުރުސަތުތައް ނެތުމުން އެ އަވަށުގެ ގިނަ އަދަދެއްގެ ބަޔަކު އެ އަވަށް ދޫކޮށް ކައިރީގައިވާ ސަހަރުތަކަށް ހިޖުރަ ކުރެ އެވެ.

މިކަމަށް ހައްލެއް ގެނައުމަށްޓަކައި އެ އަވަށުގެ އޮފިޝަލުން މިވަނީ އާ ކެމްޕެއިނެއް ފަށާފަ އެވެ. އެ އަވަށުގެ އާބާދީ ބޮޑު ކުރުމަށްޓަކައި އެ އަވަށަށް ދިރިއުޅުން ބަދަލުކުރާ ކޮންމެ އާއިލާއަކަށް ފައިސާގެ އެލަވަންސެއް ދެވޭނެ އެވެ.

އެގޮތުން ހަތަރު މީހުންގެ އާއިލާއެއްގެ ތެރެއިން ކޮންމެ ބޮޑު މީހަކަށް 22،440 ޕައުންޑް ލިބޭއިރު ކުޑަ ކުއްޖަކަށް 8975 ޕައުންޑް ލިބޭނެ ކަމަށް އެ އަވަށުގެ ވެރިން ބުނެ އެވެ.

އެލްބެނިން އަވަށް

އަލްބިނެންއަށް ހިޖުރަ ކުރުމަށްޓަކައި ސްވިޓްޒަލެންޑްގެ ރައްޔިތުކަން އޮންނަން ޖެހެ އެވެ.

އީޔޫގެ މެމްބަރު ގައުމުތަކުގެ މީހުން އެގައުމުގައި މެދުނުކެނޑި ފަސް އަހަރު އުޅުމުން ރައްޔިތުކަން ލިބޭއިރު އެނޫން ގައުމުތަކުގެ މީހުންނަށް ސްވިސް ރައްޔިތުކަން ލިބުމަށް ދިހަ އަހަރު އެގައުމުގައި މެދުނުކެނޑި ދިރިއުޅެން ޖެހެ އެވެ.

މި އަދަދާއެކު އަވަށަށް ހިޖުރަކުރާ މީހުން މަދުވެގެން ދިހަ އަހަރު އެ އަވަށުގައި އުޅެން ޖެހެ އެވެ. ނޫންނަމަ ޖުމްލަ އަދަދު އަނބުރާ ދައްކަން ޖެހޭނެ އެވެ.

ސްވިޓްޒަލޭންޑަކީ ދުނިޔޭގެ އެންމެ ރަނގަޅު އެއް ތައުލީމީ ނިޒާމު އޮންނަ ގައުމަށް ވެފައި ދިގު މުއްދަތަށް ބަލާއިރު މިއީ ރަނގަޅު ހުށައެޅުމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.