ރިޔާސީ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި އޮފިޝަލުންގެ ގޮތުގައި 8،000 އެއްހާ މީހުން ނަގާނެ އެވެ. ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ރާއްޖޭގެ އެކި ސަރަހައްދުތަކާއި ދިވެހިން ދިރިއުޅޭ ބޭރު ގައުމުތައް ހިމެނޭ ގޮތުން ޖުމްލަ 800 ވޯޓުފޮށި ބަހައްޓާނެ އެވެ.

އޮފިޝަލުންގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ، އުމުރުން 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުމާއި އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަގާމެއް އަދާކުރަމުންދާ މީހެއް ކަމުގައި ނުވުމެވެ. އަދި އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ކަމެއްގައި އުޅޭ މީހަކަށް ވޯޓުލާ މަރުކަޒުގެ އޮފިޝަލަކަށް ނުވެވޭނެ އެވެ.

އޭގެ އިތުރުން އޮފިޝަލަށްވުމަށް އެދި ފޯމު ހުށަހެޅި ދާއިރާ / ރަށަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ މަންމައެއް، ބައްޕައެއް، ދަރިއެއް، އަންބެއް، ފިރިއެއް، އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށް ނުވުން ހިމެނެ އެވެ.

މަގާމަށް އައްޔަންކުރެވޭ މީހަކަށް އުޖޫރަ ދެވޭނީ ހަމައެކަނި ވޯޓުލާ ދުވަހަށް އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މަގާމު އަދި އުޖޫރަވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފި ނަމަ 1،500 ރުފިޔާ، ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ހަމަޖައްސައިފި ނަމަ 1،200 ރުފިޔާ، ވޯޓުލާ މަރުކަޒެއްގެ އޮފިޝަލެއްގެ ގޮތުގައި ހަމަޖައްސައިފި ނަމަ 1،000 ރުފިޔާ ، ރިޒާވް އޮފިޝަލަކަށް ހަމަޖައްސައިފި ނަމަ 500 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެ އެވެ.

އުޖޫރައިގެ އިތުރުން ވޯޓުލާ ދުވަހު ކެއުމާއި ސައިގެ އިންތިޒާމު ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތިން ހަމަޖެއްސޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ ފޯނު އެލަވަންސްގެ ގޮތުގައި 100 ރުފިޔާ ލިބޭނެ އެވެ.

އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާން ޝައުގުވެރިވާ މީހުން ޖޫން 22 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގެ ކުރިން ފޯމު ހުށަހަޅަން ޖެހެ އެވެ.