މި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން މަގާމުން އިސްތިއުފާދޭން ޖެހޭ ކަމަށް ސަރުކާރަށް ތާއީދުކުރާ ބައެއް މެމްބަރުން ގޮވާލުމުން އެއްވެސް ބޭފުޅަކު އިސްތިއުފާ ނުދެއްވުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ގޮވާލައްވައިފި އެވެ.
ޖޭޕީން އިއްޔެ ބޭއްވި އެ ޕާޓީގެ 151 ވަނަ ކައުންސިލް ބައްދަލުވުމުގައި ނިންމާފައި ވަނީ ރިޔާސީ އިންތިހާބުގައި ޖޭޕީން ވަކިން ވާދަކުރުމަށާއި ކޯލިޝަން ހަދަން ބޭނުންވާ ޕާޓީތަކާ އެކު، ކޯލިޝަން މަޝްވަރާތައް ކުރިއަށް ގެންދިއުމަށެވެ.
އެ ނިންމުމާމެދު ހިތްހަަމަނުޖެހިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަންގެ ބައެއް ބޭފުޅުން ގެންދަވަނީ ޖޭޕީގެ ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ޖޭޕީގެ ބޭފުޅުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވަމުންނެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން ވަނީ އެ ބޭފުޅުން ވަކިކުރަން ވެސް ގޮވާލައްވައިފަ އެވެ.
ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ ޖޭޕީގެ އިތުރުން އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި އެމްއާރުއެމް ހިމެނޭ ގޮތަށް ހެދި ކޯލިޝަނަކުންނެވެ. މި ސަރުކާރުގައި ޖޭޕީއަށް ނިސްބަތްވާ ތިން ވަޒީރަކު އެބަތިއްބެވި އެވެ.
އޭގެ ތެރޭގައި ގާސިމްގެ އަނބިކަނބަލުން، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނާއި ޓޫރިޒަމް މިނިސްޓަރު ޑރ.މައުސޫމް ހިމެނިވަޑައިގަންނަވަ އެވެ. ޖޭޕީން ވަކިން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމުމާ ގުޅިގެން ޖޭޕީގައި ހުންނެވި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ރޭ ވަނީ ޕާޓީން އިސްތިއުފާ ދެއްވައިފަ އެވެ.
މި ބޭފުޅުންގެ އިތުރުން ސްޓޭޓް މިނިސްޓަރުންނާއި މިނިސްޓަރުގެ ނައިބުންގެ އިތުރުން ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ޖޭޕީގެ އެކިއެކި ބޭފުޅުން ތިއްބަވަ އެވެ.
ޖޭޕީގެ ފަރާތުން މަގާމުތަކުގައި ތިއްބެވި ބޭފުޅުން އިސްތިއުފާ ދެއްވުމަށް ގޮވާލެއްވުމުން ރައްޔިތުންގެ މަޖިލިހުގެ މިއަދު ޖަލްސާގައި ގާސިމް ވަނީ ސަރުކާރަށް ހޫނު ރައްދެއް ދެއްވައިފަ އެވެ. ގާސިމްގެ ވާހަކަފުޅުގައި ވަނީ ސަރުކާރު ހިންގަން އެކުލަވާލި ކޯލިޝަން އެއްބަސްވުމާ އެއްގޮތަށް ކަންކަން ނުހިނގާ ފަދަ މޭރުމަކުން ވާހަކަ ދައްކަވައިފަ އެވެ. އެކަމަކު، ޖޭޕީން ސަރުކާރާ އެކީގައި މަސައްކަތް ކުރަން ނުކުތީ ކޯލިޝަން އެއްބަސްވުމެއްގެ ދަށުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ދޭން ކަނޑައަޅާފައިވާ މިންވަރަށް އަހުދުވެ، ވައުދުވެފައިވާ ގޮތަށް ފުރަތަމަ އެ ބޭފުޅުންނާ އަމިއްލަ އަށް ސުވާލު ކުރައްވާ،" ގާސިމް ސަރުކާރާ ސުވާލުކުރެއްވި އެވެ.
އެއަށްފަހު ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ގާސިމް ވިދާޅުވީ މި އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހާ ހަމައަށް ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ޖޭޕީގެ ބޭފުޅުން ތިއްބެވުމަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި އެ ބޭފުޅުން މަގާމުތަކުގައި ތިއްބެވުމަކީ ލަދުވެތި ކަމެއް ނޫން ކަމަށެވެ.
"އެއީ އެއްގޮތަކަށް ވެސް ލަދުވެތި ކަމެއް ނޫން." މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ވިދާޅުވި އެވެ. "މި އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހާ ހަމައަށް ދެމިގެންދާ އެއްބަސްވުމެއްގައި އަޅުގަނޑުމެން ސޮއިކޮށްގެން މިތިބީ. އެހެން ކަމަށްވާ ނަމަ، އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ވެސް ޖެހޭނީ އިސްތިއުފާ ދެއްވާށޭ."
ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް މަގާމުތަކެއް ދެއްވާފައި ވަނީ އެއްވެސް މީހެއްގެ އަމިއްލަ ތަރިކަ މުދަލަކުން ނޫނެވެ. އަދި އެ މަގާމުތައް ދީފައި ހުރީ ހަމަ ދިވެހިންނަށް ކަމަށް ގާސިމް ވިދާޅުވި އެވެ.
"ނަމަވެސް އަޅުގަނޑުމެން އެއްބަސްވެ، އެކަށައަޅާފައިވާ ގޮތެއްގެ މަތިން ކުރައްވަން ބޭނުންވާ ބައިކުޅަ ބައެއް ވެސް ދެވުނުތޯ އަމިއްލަ އަށް ވިސްނާލީމަ އެނގިވަޑައިގަންނަވާނެ،" ވަރަށް ބޮޑަށް ހިތްހަމަނުޖެހިވަޑައިގެން ގާސިމް ވިދާޅުވި އެވެ.
ގާސިމް ވަނީ މީގެ ކުރިން ވެސް ސަރުކާރު ހިންގަން އެކުލަވާލި ކޯލިޝަން އެއްބަސްވުމާ އެއްގޮތަށް ކަންކަން ނުހިނގާ ކަމަށް ވިދާޅުވެ، އެކަމުގެ ހިތްހަމަޖެހިވަޑައިނުގަތުން ވެސް ފާޅުކުރައްވައިފަ އެވެ.
ގާސިމް ވިދާޅުވި ގޮތުގައި އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރަނީ އެންމެ 10 ޕަސެންޓެވެ. ބާކީ 90 ޕަސެންޓް އަމަލު ކުރަނީ އެއްބަސްވުމާ ހިލާފަށް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ފެހި ގާނޫނުއަސާސީގެ ދަށުން ރާއްޖޭގައި އެކުލަވާލެވުނު ކޮންމެ ސަރުކާރެއްގައި ޖޭޕީގެ ދައުރު ބޮޑު ނަމަވެސް ސަރުކާރުން ވައުދު ފުއްދާއިރު ޖޭޕީގެ ރޯލެއް އޮންނަ ކަމަކަށް ނުދެކޭ ކަމަށެވެ. އަދި ޖޭޕީއާ އެކީގައި ކޯލިޝަން ނުހެދި ނަމަ، އެ ޕާޓީތަކުގެ ސަރުކާރުތަކެއް ވުޖޫދެއް ނުވީސް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އެހެންވެ ފާއިތުވެދިޔަ ސަރުކާރުތަކުން ރަނގަޅަށް ކުރި ކަންކަމުގެ ހިއްސާ ޖުމްހޫރީ ޕާޓީއަށް ވެސް ވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި މި ސަރުކާރުގައި ވެސް އެންމެ ހިންގުންތެރި ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނަކީ ޖޭޕީ ސްލޮޓުތަކުގައި ތިބި ބައެއް ކަމަށް ވިދާޅުވެ ގާސިމް އެ ބޭފުޅުންނަށް ތައުރީފް ކުރެއްވި އެވެ.
ގާސިމް މިއަދު ވިދާޅުވީ ގައުމަށް ހިދުމަތް ކުރުމުގައި ޖޭޕީ، އަދާލަތު ޕާޓީ ނުވަތަ އެހެން ޕާޓީތައް އިސްތިސްނާއެއް ނުވާނެ ކަމަށެވެ. އަދި އެ މީހަކާ ހަވާލު ކުރެވިފައިވާ ޒިންމާތައް ފުރިހަމައަށް އަދާކުރެވިފައިވާ ނަމަ، އެމީހަކު އެކަމުގައި ދެމި ހުރުމަކީ މައްސަލައެއް އޮތް ކަމެއް ނޫން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"އެއީ ވަކި ޕާޓީއަކަށް ވީތީ، ވަކި ބަޔަކަށް ވީތީ، ކުރަން ޖެހޭ ކަމެއް ނޫން. އަޅުގަނޑުމެން އެއްބަސްވުމުގައި ވަރަށް ރީތިކޮށް ޖާގަ ލިބޭ އަޅުގަނޑުމެން ޖުމްހޫރީ ޕާޓީން ނުވަތަ އެހެން ޕާޓީއަކުން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް. އަޅުގަނޑަށް ހީވަނީ ގިނަ ޕާޓީތަކެއް ހަދައިގެން ތިބުމުގެ ބޭނުމަކީ ވެސް އެއީ ހެން،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ގިނަ ސިޔާސީ ޕާޓީތަކެއް އެކުލަވާލީ ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ރާއްޖެ ހިންގުމަށް ކަމަށެވެ. އަދި ގިނަ ޕާޓީތަކެއް ވާދަކުރުމުން ދިވެހި ރައްޔިތުންނަށް އޮތީ މަންފާއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދެން ހޭހުސްވެގެން ވެއްޓޭ. ކޮން ރަތަކަށް އަރާކަށް. ސަރުކާރުގަ ތިބި ޖޭޕީ މީހުން އިސްތިއުފާ. ފުރަތަމަ ކަނބާ .