ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީޕާޓީ ވަކިން ވާދަ ކުރަން ނިންމުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް އޮތް ގޮންޖެހުމަކަށް ނުވާނެ ކަމަށާ ޖޭޕީއާ ނުލާ ވެސް ރައީސް އިންތިހާބު ކާމިޔާބުކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވަކިން ވާދަ ކުރުމަށް މިމަހުގެ 14 ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ވަނީ ނިންމާފައި އެވެ. އަދި އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ކުރިމަތިލުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލާފަ އެވެ.

ޖުމްހޫރީ ޕާޓީއަކީ މިހާރު ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ މުހިންމު ޕާޓީއަކަށްވާއިރު ޖޭޕީ އާއި ނުލާ ރައީސް ސޯލިހުއަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ދަތިވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

ޖޭޕީ އިން ވަކިން ވާދަ ކުރަން ނިންމި އިރު ރައީސް ސޯލިހު އަށް ތައިދުކޮށް ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް ޖޭޕީއަށް ވެސް ރައީސް ވަނީ ދައުވަތު ދެއްވާފައި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ ރައީސަށް މިވަގުތު އެންމެ މުހިންމީ ސަރުކާރު ހިންގުން ކަމަށެވެ. އަދި ރައީސް އާއެކު ތިއްބެވި ބަޔަކާއެެކު އެމަނިކުފާނު އިންތިހާބުގައި ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ.

ރިޔާސީ އިންތިހާބަށް ޖޭޕީ ވަކިން ވާދަކުރުމަކީ ރައީސްއަށް އޮތް ގޮންޖެހުމެއް ނޫން ކަމަށް މިއުވާން ވިދާޅުވި އެވެ. އަދި ރައީސް މިހާރު އެ އޮތް ކޯލިޝަނާއެކު، އިންތިހާބު ކާމިޔާބުކުރެއްވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވެސް މިއުވާން ވިދާޅުވި އެވެ.

ސަރުކާރުން ބުނެފައި ވަނީ ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހެދުމަށް އަދި މަޝްވަރާ ކުރާނެ ކަމަށެވެ.

ސަރުކާރުގައި ރިޔާސީ ދެ ކެންޑިޑޭޓުން ތިބެގެން ކުރިއަށް ދިއުމަށް ދަތިވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން ވަނީ މީގެ ކުރިން ވެސް ވިދާޅުވެފަ އެވެ.

ޖުމްހޫރީ ޕާޓީގެ ނިންމުމާ ގުޅިގެން މި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ޖޭޕީގެ ބޭފުޅުން މަގާމުން އިސްތިއުފާދޭން ޖެހޭ ކަމަށް ސަރުކާރަށް ތާއީދުކުރާ ބައެއް މެމްބަރުން ދަނީ ގޮވާލަމުންނެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން ވަނީ އެ ބޭފުޅުން ވަކިކުރަން ވެސް ގޮވާލައްވައިފަ އެވެ.

އެހެންނަމަވެސް މި އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހާ ހަމައަށް ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ޖޭޕީގެ ބޭފުޅުން ތިއްބެވުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ގާސިމް ވަނީ ވިދާޅުވެފައި އެވެ.

ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް މަގާމުތަކެއް ދެއްވާފައި ވަނީ އެއްވެސް މީހެއްގެ އަމިއްލަ ތަރިކަ މުދަލަކުން ނޫނެވެ. އަދި އެ މަގާމުތައް ދީފައި ހުރީ ހަމަ ދިވެހިންނަށް ކަމަށް ގާސިމް ވިދާޅުވި އެވެ.