ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓުކަން އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫނަށް ނުދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެ އެވެ.
ޝަރީފް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ އެމްއާރުއެމް އިން ވެސް ސަރުކާރު ކޯލިޝަނުން ވަކިވާން ބޭނުމިއްޔާ ދިއުޅިދިގުނުކޮށް އަވަހަށް ސަރުކާރު ކޯލިޝަނުން ވަކިވީމާ ނިމުނީ ކަމަށެވެ.
އެމްޑީޕީއިން ފާރިސް މައުމޫނަށް ރަނިންމޭޓް ކަމެއް ނުދެވޭނެ ކަމަށާ އެކަމަކީ ވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއާރުއެމްއަކީ މިހާރު ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީއެކެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހުއަށް ތާއީދުކޮށް ކޯލިޝަން ހެދުމަށް އެމްއާރުއެމްއަށް ވެސް ރައީސް ސޯލިހު ދައުވަތު ދެއްވާފައިވެ އެވެ.
އެހެން ނަމަވެސް ރައީސް ސޯލިހުއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އެމްއާރުއެމް އިން އަދި ވަކި ގޮތެއް ނުނިންމަ އެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނެނީ އެމްއާރުއެމްގެ އިތުރުން އާދަލަތާއި ޖޭޕީ އެވެ. އޭގެ ތެރެއިން ޖޭޕީ އިން ވަނީ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރުމަށް ނިންމާފަ އެވެ. އަދި އަދާލަތު ޕާޓީ އިން ވަނީ ރައީސަށް ތާއީދުކޮށް ކޯލިޝަން ހެދުމަށް ދައުވަތު ދެއްވައި ސިޓީފުޅެއް ފޮނުވިތާ ދެ ދުވަސްތެރޭ ގޮތެއް ނިންމާ ރައީސް ސޯލިހާއެކު ކޯލިޝަން ހެދުމަށް ނިންމައިފަ އެވެ.
ރިޔާސީ އިންތިހާބާ ގުޅިގެން އަދި ވަކި ގޮތެއް ނުނިންމާ އޮތް ޕާޓީއަކީ އެމްއާރުއެމް އެވެ.