ކުރިއަށް އޮތް ރިޔާސީ އިންތިޚާބު މިނިވަން ކަމާއެކު ކުރިއަށް ގެންދިއުމަށް އެއްވެސް ގޮންޖެހުމެއް ނެތް ކަމަށާއި، އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނަށް އެއްވެސް ނުފޫޒެއް އެއްވެސް ފަރާތަކަށް ނުފޯރުވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް އެކުލަވާލަފައިވާ ޤައުމީ ލަފާދޭ ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި ފުއާދު ވަނީ އިންތިޚާބު އަމާންކަމާއި އޮމާންކަމާއެކު ގެންދިއުމަށް ގައުމީ ލަފާދޭ ކޮމެޓީގެ މެމްބަރުންގެ ފުރިހަމަ އެއްބާރުލުމަށް އެދިވަޑައިގެންފަ އެވެ.
ގައުމީ ލަފާދޭ ކޮމެޓީއަކީ އިލެކްޝަންސް ކޮމިޝަނުން 2008 ވަނަ އަހަރުން ފެށިގެން ރިޔާސީ އިންތިޚާބުތަކަށް އަމާޒުކޮށްގެން އެކުލަވާލާ ޚާއްސަ ކޮމެޓީއެކެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ގައުމީ ލަފާދޭ ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބު ކުރިއަށް ގެންދިއުމަށް ކޮމިޝަނުން ކުރަމުންދާ މަސައްކަތް ހިއްސާ ކުރައްވާފަ އެވެ.
އެ ކޮމިޝަންގެ ރައީސް ފުއާދު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ކޮމިޝަނުން މަސައްކަތް ކުރާނީ ރައްޔިތުންގެ ނިންމުން، ރައްޔިތުން ނިންމާ ގޮތަކަށް ގެނެސްދޭން ކަމަށެވެ. އަދި އިންތިޚާބުގައި ކޮމިޝަންގެ މައްޗަށް ނުފޫޒު ފޯރުވޭނެ ފަރާތެއް ނުހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިފަހަރުގެ އިންތިޚާބުގައި ރައްޔިތުން ލާ ވޯޓުގެ ނަތީޖާ ހާމަކަން ބޮޑުކޮށް ކޮމިޝަނުން ހާމަކުރަމުންދާނެކަމުގެ ޔަގީންކަން ފުއާދު ވަނީ ދެއްވާފަ އެވެ.
"އިލެކްޝަންސް ކޮމިޝަނުން އަޅުގަނޑުމެން ވަރަށް މިނިވަން ކަމާއިއެކު ތެދުވެރިކަމާއި އަމާނާތްތެރި ކަމާއިއެކީގައި އަޅުގަނޑުމެން މަސައްކަތް ކުރާނީ ރައްޔިތުންގެ އަޑު ގެނެސްދޭން. ރައްޔިތުން ވޯޓުގެ ތެދު ނަތީޖާ ގެނެސްދޭން. އެއަށް އެއްވެސް ކަހަލަ ބަދަލެއް އަންނާނެ ފުރުސަތެއް ނުދީ ރައްޔިތުން ވޯޓުލީ ގޮތަކަށް ނަތީޖާ ނެރެ ދިނުމަށްޓަކައި އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން އަރުވަން،" ފުއާދު ވިދާޅުވި އެވެ. "އަޅުގަނޑުމެން ޖެހޭނެ ވަކި ފަރާތެއް ނޯންނާނެ. އަޅުގަނޑުމެން ގަބޫލެއް ނުކުރަން އެއްވެސް ފަރާތަކުން އަޅުގަނޑުމެންގެ މައްޗަށް އެއްވެސް ނުފޫޒެއް ފޯރުވިދާނެ ކަމަކަށް. އިލެކްޝަންސް ކޮމިޝަންގެ ތެރެއަކަށް."
މި ބައްދަލުވުމުގައި ކޮމިޝަންގެ ނައިބު ރައީސް ވަނީ އިންތިޚާބު ގާތްވަމުންދާއިރު ކޮމިޝަނަށް ހުރި ބައެއް ގޮންޖެހުންތައް ހިއްސާ ކުރައްވާފަ އެވެ. އެގޮތުން ފަންނީ އެކި މަގާމުތަކަށާއި، ކޮމިޝަނަށް ނަގަން އިއުލާންކޮށްފައިވާ ވަގުތީ މުވައްޒަފުން މިހާރު ކަނޑައަޅާފައިވާ މުސާރާގައި ލިބުމުގެ ދަތިކަން ހުރި ކަމަށް ހަބީބް ވިދާޅުވި އެވެ.
"ފަންނީ މީހުން އަޅުގަނޑުމެން މިދޭން ކަނޑައަޅާފައިވާ މުސާރައަށް ނުލިބި މިދަނީ. މިހާރު ދެތިންމަސް ވެއްޖެ އަޅުގަނޑުމެން ސޮފްޓްވެއާ ޑިވެލޮޕަރުންނަށް ވެސް އިޢުލާން ކޮށްގެން އުޅޭތާ. އަދި އެއްވެސް މީހަކު ކުރިމައްޗެއް ނުލާ. ބޮޑު އިންތިޚާބެއް އަންނައިރު ފަންނީ މީހުން ނުލިބުމުގެ މައްސަލައަކީ އަޅުގަނޑުމެންނަށް އޮތް ވަރަށް ބޮޑު މައްސަލައެއް،" އޭނާ ވިދާޅުވި އެވެ.
މިބައްދަލުވުމުގައި ކޮމިޝަނުން ވަނީ ގައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުން ކުރިއަށް ގެންދާނެ ގޮތަކާއި، އުސޫލު އެކުލަވާލުމަށް މެމްބަރުންގެ މެދުގައި މަޝްވަރާ ކުރައްވާފަ އެވެ.
މި ބައްދަލުވުމުގައި ބައެއް ޕާޓީތަކުން ވަނީ ރިޔާސީ އިންތިޚާބު މިހާ ގާތްވެފައި އޮއްވާ އިންތިޚާބުތަކާއި ގުޅުންހުރި ގާނޫނުތަކަށް އިސްލާހު ގެނައުމަށް ކުރަމުންދާ މަސައްކަތާއިމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ނޫސްވެރިންނަށް އޮތް ފުރުސަތު ހަނިވާނެހެން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާމެދު ވެސް މީޑިއާ ކައުންސިލާއި، ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.