ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ހުޅުމާލޭގައި އޮތް ޖަލްސާއެއް ނިންމާލެއްވުމަށްފަހު ވަޑައިގަންނަވަނިކޮށް އެމަނިކުފަނުގެ މޮޓޯކޭޑަށް އިދިކޮޅު މުޒާހަރާގެ ތެރެއިން ހުރަސް އަޅައި ހިފަހައްޓައިފި އެވެ.
ރައީސް ސޯލިހު ދަތުރު ކުރައްވަމުން ގެންދެވި މޮޓޯކޭޑް ބޮޑުތަކުރުފާނުމަގުން ދަތުރުކުރަނިކޮށް ހުރަސްއެޅީ ޕީޕީއެމް އޮފީސް ކައިރިންނެވެ. މޮޓޯކެޑޭ ހުއްޓުވައި ބައެއް މީހުން ވަނީ ކާރުކޮޅު ކައިރިއަށް އެއްވެ އަޑުގަދަކޮށްފަ އެވެ.
ރައީސްގެ މޮޓޯކޭޑަށް ހުރަސްއަޅައި ދެވޭ ގޮތް ނުވުމުން އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގުރޫޕް (އެސްޕީޖީ) އޮފިސަރުން ވަނީ މޮޓޯކޭޑު އަނބުރާ އައިކޮޅަށް ފޮނުވާލާފަ އެވެ.
ރައީސްގެ މޮޓޯކޭޑް މަގުމަތިން ހުއްޓުވައި ހުރަސްއެޅުމުން ބަޔަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެހެން ނަމަވެސް ހައްޔަރު ކުރީ ކިތައް މީހުން ކަމެއް ފުލުހުން ނުބުނެ އެވެ. އެހެން ނަމަވެސް ޕީޕީއެމް އިން ބުނީ އެ މުޒާހަރާގެ ތެރެއިން 20 މީހަކު ހައްޔަރުކުރި ކަމަށެވެ.
މި މައްސަލައާ ގުޅިގެން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ ހައްޔަރުކޮށްފަ އެވެ.
ރައީސްގެ މޮޓޯކޭޑަށް އިދިކޮޅު މުޒާހަރާއިން ހުރަސް އަޅާ ހިފެހެއްޓުމުން ގިނަ ބަޔަކު ދަނީ ސަލާމަތީ ބާރުތައް ފެއިލްވެފައިވާ ކަމަށް ބުނެ ފާޑުކިޔަމުންނެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި އެމްއެންޑީއެފްގެ ބަހެއް ވެސް މިރޭ ލިބޭ ގޮތެއް ނުވި އެވެ.
މާލޭގެ މަގުތަކުގައި ކޮންމެ ރެޔަކު ވެސް އިދިކޮޅު ކޯލިޝަނުން މުޒާހަރާ ކުރަމުން ގެންދެ އެވެ. އެހެން ރޭތަކެކޭ އެއްގޮތަށް މިރޭ ވެސް މުޒާހަރާ ކުރިއަށް ދިޔަ ވަގުތު ފުލުހުން އެ ސަރަހައްދުގައި ތިއްބެވެ.